ތިންވަނަ ވިޔަވަތި ރާއްޖެ ކޮންފަރެސް މިއަދު ފައްޓަވަައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތުގައި މުޅި އުމުރު އަވަދިކުރަމުންދާ މީހާއަށް ހައްގު އުޖޫރަ ލިބެންޖެހޭނެ ކަމަށާއި، ޒަމާނުއްސުރެ ނުވެއޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ ކަމަށެވެ.
އެ ފައިސާ އަތަށް ލިބި އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ނަތީޖާއެއްގެ ސަބަބުން ގާބިލް، އެކަށޭނަ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެބޮޑު ހުރަސް ނައްތާލެވިފައިވާ ކަމަށެވެ.
މިނަމަމް ވޭޖް ކަނޑައެޅުމާއި މުސާރަބޮޑުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިހާތަނަށް މުސާރަ ބޮޑުކޮށްފައިވަނީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުނަށެވެ.
އެ ދާއިރާއަށް ދެގުނަ މުސާރަ ބޮޑުކޮށް އިއުލާންކޮށްފައިވަނީ މިއަހަރުގެ މެއި މަހުގައެވެ.
ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލު އައުމާއި ގުޅިގެން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، އެކަމަށް މަރުހަބާ ކިޔާ ރައީސް ސޯލިހުއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ހަމަ މިގޮތަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތެއް ކޮށްދެއްވަމުން އަންނަ ހިދުމަތް ބަލައި ގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން އެ އަހަރު ފާސްކޮށްފައިވެއެވެ.
އެކަމާ ގުޅޭ ބިލުގައި ވަނީ މިނިމަމް ވޭޖް ނުވަ ދާއިރާއަކުން ކަނޑައެޅުމަށް ހިމަނާފައެވެ.
އެ ދާއިރާތަކަކީ
- މަސްވެރިކަމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
- ކޮންސްޓްރަކްޝަން ދާއިރާ
- ދަތުރުފަތުރުގެ ދާއިރާ
- ސިއްހީ ހިދުމަތުގެ ދާއިރާ
- ތައުލީމީ ހިދުމަތުގެ ދާއިރާ
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ
- އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާ
ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ
ގުޅޭގޮތުން، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު ފަސް ވަނަ ދުވަހުއެވެ.
އެ ބޯޑުން އެފަހަރު އެންމެ ކުޑަ އުޖޫރަ ކަނޑައެޅީ ސަރުކާރުގެ މުވައްޒަފުންނަށާއި، މެންދުފަންތީގެ ވިޔަފާރިތަކަށާއި، ބޮޑެތި ވިޔަފާރިތަކަށެވެ.
އެގޮތުން އެއަހަރުގެ ނޮވެމްބަރު މަސްތެރޭ އެންމެ ކުދި ވިޔަފާރިތަކުން މަހަކު 4500 މެދު ފަންތީގެ ވިޔަފާރިތަކުން މަހަކު 7000 ބޮޑެތި ވިޔަފާރިތަކުން މަހަކު 8000 އަދި ސިވިލް ސާވިސް އިން މަހަކު 7000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.