
ނޫސްވެރިން ލިޔާ ލިއުންތަކުގެ މަސްދަރު ފުޅާކަން ބޮޑުގޮތެއްގައި ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ބިލް މަޖިލީހުން ފާސްކުރީވެސް އަދި ރައީސް ސޯލިހް އެ ބިލު ތަސްދީގުކުރީވެސް އެކަމާއިމެދު ނޫސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ނަމަވެސް މިވަގުތު ކުރިއަށްދާ މޯލްޑިވްސް ބްރޮޑްކާސްޓް އެވޯޑް ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ގާނޫނާއިމެދު ކަންބޮޑުވުންތައް ހުރުމުން މީޑިއާތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި އެ ގާނޫނަށް އިސްލާހު ގެންނަވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ހެއްކާބެހޭ ބިލް ތަސްދީގުކުރެއްވީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރިތާ ހަ މަސް ދުވަސް ފަހުން ކަމަށް ގާނޫނުގައި ވެއެވެ.
ގާނޫނަށް އަމަލުކުރަން ނުފަށަނީސް އެ ގާނޫނު އިސްލާހުކުރަން ރައީސް ނިންމެވިއިރު، މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަނާއި، މޯލްޑިވްސް ޖާނަލަސްޓް އެސޯސިއޭޝަނުން ވަނީ، ނޫސްވެރިންގެ ކަންބޮޑުވުންތައް ނާއްސަވައި ބިލު ފާސްނުކުރުމަށާއި، ތަސްދީގު ނުކުރަން މީގެ ކުރިން ތަކުރާރުކޮށް އެދިފައެވެ.
އެހެންނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ ހުށަހަޅައިފައިވާ ހެއްކާއިބެހޭ ބިލު އަވަސް އަރުވާލައިގެން ޖުލައި މަސްތެރޭ މަޖިލީހުން ފާސްކުރިއިރު، އެބިލަށް ޖުޑިޝަރީ ކޮމެޓީން ގެނައި އިސްލާހުގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އެގޮތުން އެމައުލޫމާތު ދޭން ކޯޓަށް އަމުރު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
ބިލު ދިރާސާކޮށް މަޖިލީހުން ގެނައި އެ އިސްލާހުތަކާއިއެކު ފާސްކުރުމާއިމެދު އެދުވަހު މަޖިލީހުގައި ނެގުނު ވޯޓުން ބިލު ފާސްކޮށްފައިވަނީ، މަޖިލީހަށް ހާޒިރުވެތިބި، 58 މެމްބަރުންގެ ތެރެއިން 50 މެމްބަރުން ވޯޓުދެއްވައިގެން ނެވެ.
ނޫސްވެެރިންގެ ދިފާއުގައި މި ބިލާއި ދެކޮޅަށް ވޯޓުދެއްވާފަވަނީ އެންމެ ފަސް މެމްބަރުންނެވެ. މި ވޯޓުގައި ބައިވެރިވެފައިވަނީ 55 މެމްބަރުންނެވެ. ވަކިގޮތަކަށް ވޯޓުނުދޭ ދެ މެމްބަރުން ތިއްބެވި އެވެ.
މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުނުކޮށް ބިލް ފާސްނުކުރުމަށާއި، އެ އިސްލާހު ފަސް ކޮށްދެއްވުމަށް އެދި ނޫސްވެރިން އެދުވަހު މަޖިލީސް ކުރާ ގެދޮށަށް އެއްވެކަންބޮޑުވުންވެސް ފާޅުކޮށްފަވަނިކޮށް، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ވަގުތު ހަމަވެފައިވަނިކޮށް ވޯޓަކަށް އަހައިގެން އިތުރުކުރި ވަގުތުގަ އެވެ.
އަދި މި ބިލު ފާސްކޮށްފައި ވަނީ މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް އެމްޖޭއޭ އިން ކަރުދާހަކާއި، އެ ބިލަށް އިސްލާހު ގެންނަން އެދި މަޖިލީހުގެ ރައީސް އަށް ސިޓީއެއްވެސް ހުށަހަޅާފައި ވަނިކޮށް، އެ ސިޓީއަށާއި، އެމްޖޭއޭގެ ކަރުދާހުގައި ހުރި ކަންކަމަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ.
ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.