ads
އޮޕަރޭޝަން ކުރިގޮތާއި ލިބުނު އަނިޔާތައް ތަފްސީލް ކޮށްދެނީ
ދަގަނޑު ހަށިގަނޑަށް ވަނީ ނޭފަތުގެ ކަށިތައް މުގުރާލާފައި، ތަލިވެސް ފޫއަޅުވާލާފައި
މައިބަދައިގެ ފުރަތަމަ ތިން ބަދަ މުގުރައިގެން ގޮސްފައި
ޑަޔަފްރަމް މަސްގަނޑާއި ބަނޑުގެ މަސްގަނޑު ފޫއަޅުވާލާފައި
އުކުޅުވަޅު ކަށިގަނޑުގައި ނުޖެހުނު ނަމަ ވައިވަޅުން ދަގަނޑު ނިކުންނާނެ
މިމަހުގެ 17 ވަނަ ދުވަހު ހެންވޭރު ބުރެވި މަގުގައި ހުރި ހ. ޒާހަމް އިމާރާތަށް ދަގަނޑުތަކެއް އަރުވަނިކޮށް އޭގެތެެރެއިން ވެއްޓުނު ދަގަނޑެއް ނޭފަތަށް ހެރި، 34 އަހަރުގެ ބިދޭސީ މަސައްކަތްތެރިއަކު ވަރަށް ބޮޑަށް ޒަހަމުވި އެވެ. އެ ބިދޭސީ މީހާގެ ފުރާނަ ސަލާމަތްކުރެވުނީ އޭޑީކޭ ވަރުގަދަ ޓީމަކުން ކުރި ބުރަ މަސައްކަތަކަށްފަހު އެވެ.
Advertisement

އެ މައުލޫމާތު ދިނުމަށް ޑރ. އަބްދުﷲ ނިޔާފް ހިމެނޭ، ޑޮކްޓަރުންގެ ޓީމާއިއެކު މިއަދު އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީހާގެ ނޭފަތަށް ހެރުނު ދަގަނޑު، ހަށިގަނޑުގެ ތެރެއަށް ވަދެގެންދިޔަގޮތާއި، ދަގަނޑުގަނޑު ނަގަން އެޓީމުން ކުރި ބުރަ މަސައްކަތް ވަނީ ތަފްސީލް ކޮށްދީފަ އެވެ.

އެގޮތުން ޕްރެޒެންޓޭޝަން މެދުވެރިކޮށް ހަށިގަނޑުގެ އިމޭޖެސްތަކާއިއެކު ޑޮކްޓަރުންގެ ޓީމުން ކިޔަައިދެއްވި ގޮތުގައި، މިމަހުގެ 17 ވަނަ ދުވަހު ޒަހަމުވެގެން އޭނާ އޭޑީކޭއަށް ގެނެވުމާއިއެކު، ހޭނައްތާ ފަރުވާދޭން ފެށި އެވެ. ނޭފަތަށް ހެރުނު އެ ދަގަނޑު އޭނާގެ ހަށިގަނޑު ތެރެއަށް ވަނީ ނޭފަތުގެ ކަށިތައް މުގުރާލައި، ތަލި ވެސް ފުނޑާލުމަށްފަހު އެވެ. 

”ނޭފަތުގެ ކަށިގަނޑުގައި ފުރަތަމަ ޖެހެނީ. އޭގެ ފަހުން ޖެހިގެން އައިސް މި ހަލާކުކޮށްލަނީ ތަލީގެ ކަށިގަނޑު. އޭގެ ފަހުން ވަންނަނީ ކަރުގެ އެތެރެއަށް. ކަރުގެ ފަހަތު ފާރު ފޫއަޅުވާލުމަށް ފަހު ގޮސް މިޖެހެނީ މައިބަދައިގައި. މައިބަދައިގެ ތިން ބަދަ ފުނޑުފުނޑު އަޅުވާލާފައި ތިރިއަށް ފައިބައިގެން މި އަންނަނީ. އައިސް ވަންނަނީ ފުއްޕާމޭގެ އެތެރެއަށް. ފުއްޕާމެޔާއި ބަނޑުގެ ގުނަވަންތަކާ ދޭތެރޭ އިންނަ މަސްގަނޑު ފޫއަޅުވާލުމަށް ފަހު ދެން ވަންނަނީ ބަނޑުގެ އެތެރެއަށް. ބަނޑުގެ އެތެރެއަށް ވަދެގެން އައިސް ލިވާގައި ޖެހިފައި ލިވާއިން ގާތްގަނޑަކަށް ފަސް މިލިމީޓަރުގެ އިންޖަރީއެއް ކޮށްލާފައި އައިސް ވަންނަނީ ބަނޑުގެ މަސްގަނޑު އެތެރެއަށް. މަސްގަނޑު އެތެރެއިން ލައިފައި އައިސް ޖެހިފައި މިވަނީ އުކުޅުވަޅު ކަށިގަނޑުގައި. އެ ކަށިގަނޑުގައި ނުޖެހުނު ނަމަ ވައިވަޅުން ދަގަނޑު ނިކުންނާނެ،“ ޑޮކްޓަރުންގެ ޓީމުން ދިން ތަފްސީލުގައި ވެއެވެ.

ޒަހަމުތަކާއިއެކު އޭނާ ގެނެވުމުން ހޭނައްތައި، ދަގަނޑުގަނޑު ނަގާފައިވަނީ، ބަނޑު އެއްކޮށް ހުޅުވައިގެން ކުރި ސާޖަރީއަކުން ނެވެ. އޭޑީކޭ ޓީމުން ބުނިގޮތުން ދަގަނޑުގަނޑު ކަހަލަ ތަކެތި ބުރިކުރާނެ އާލަތް އޭޑީކޭގައި ނެތުމުން އެ ޓީމުގެ މެއިންޓަނެންސް ޓީމުން ތިބީ ބުރިކޮށްލަން ޖެހިއްޖެނަމަ އެކަންވެސް ކުރާގޮތަށެވެ. ނަމަވެސް އެއް ސެންޓިމީޓަރުން މަޑުމަޑުން ދަގަނޑުގަނޑު ނަގަމުން ގޮސް ބުރި ނުކޮށްލައި ކާމިޔާބުކަމާއިއެކު އެ ދަގަނޑު އޭޑީކޭ ޓީމުން ވަނީ ނަނގާފަ އެވެ. 

މި ބޮޑެތި ޒަހަމުތަކަށްފަހުވެސް ބިދޭސީ ފުރައިމޭއިން ލޭނުފައިބާފައި ނުވާއިރު، ދަގަނޑު ވަދެގެން ދިޔައިރު ގޮހޮރަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަން އެ ޓީމުން ފާހަގަކުރެއްވި އެވެ. މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ޑރ. ނިޔާފް މިކަން ސިފަކުރެއްވީ އޭނާގެ ނަސީބު ރަނގަޅު ކަމުގެ ގޮތުގައެވެ. 

ޑޮކްޓަރުންގެ ޓީމުގެ މަސައްކަތުން އޭނާގެ  މޭމައްޗާއި، ފުރަމޭގެ އިތުރުން ނޭފަތަށާއި، މައިބަދަށް ލިބިފައިވާ ބޮޑެތި ޒަހަމުތައްވެސް ވަނީ ރަނގަޅުކޮށްފަ އެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ދާއިމީ ފަރުވާއަކަށް ބޭސްކުރަންޖެހޭނެކަން ނުވަތަ ނޫންކަން އެނގޭނީ ރަނގަޅުވަމުން އަންނަގޮތަށް ބަލައި އަދި ފަހުން ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ދިމާވެދާނެކަމަށް އެ ޓީމުން ލަފައެއް ނުކުރެއެވެ.

ޑޮކްޓަރުންގެ ޓީމުން ބުނިގޮތުން، ބިދޭސީ މީހާގެ ގައިން ހަތް ލީޓަރުގެ ލޭ ބޭރުވިއިރު، އޮޕަރޭޝަނަށްފަހު އޭނޭ ހޭ އެރުވުނީ ދެ ދުވަސް ފަހުން ނެވެ. އަދި މިހާރު އޭނާއަށް ވާހަކަދައްކާ ހިނގާބިގާވެ ވެސް އުޅެވެއެވެ.

"ކޮންމެ މީހެއްގެ ފުރާނަ ސަލާމަތް ނުވެދާނެ، މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަަވަރުކޮށްދީ"

ރަޝީދު ކާޕެންޓްްރީ އެންޑް ކޮންސްޓްރަކްޝަން(އާރްސީސީ) އިން ހަދަމުން އަންނަ އިމާރާތެއްގެ ހަތްވަނަ ފްލޯއިން ވެއްޓުނު ދަގަނޑުގަނޑު ވެއްޓި ތިރީގައި ހުރި އެ ސައިޓުގައި މަސައްކަތްކުރަމުން ދިޔަަ ބިދޭސީއެއްގެ ސީދާ ނޭފަތަށް ހެރި ޒަަހަމުވެގެން އޭނާ އޭޑީކޭއަށް ގެންދިޔައިރުވެސް ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ އެވެ. 

އެ ބިދޭސީ މަސައްކަތްތެރިޔާގެ ފުރާނަ ސަލާމަތްކުރެވުނީ ޑޮކްޓަރުންގެ ބުރަ މަސައްކަތުން ކަން ފާހަގަކޮށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، ކޮންމެ ފަހަރަކު އެ ނަސީބުވެސް ނުލިބިދާނެ ކަމަށެވެ. އެހެންކަމުން ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްރިވާ ކުންފުނިތަކުން މަސައްކަތްތެރިންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީ އެކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގަތެވެ.

މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އުސޫލުތައް ރާއްޖޭގައި އެކުލަވާލާފައި އޮންނައިރުވެސްް އެކަމަށް ގިނަ ފަރާތްތަކުން ސަމާލުކަން ނުދޭކަން ހިތާމައާއިއެކު ފާހަގަކުރާ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި މީގެ ކުރިން ބައެއް މީހުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ.

މިފަދަ އެއް ހިތާމަވެރި ހާދިސާއަކީ ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ ތަނެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސާ އެވެ. ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ ދަށުން މަންމައާއިއެކު ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށްވެއްޓި ހަތް އަހަރުގެ ޖިއާން މަރުވީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު 16ވަނަ ދުވަހު އެވެ.

your imageރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް

މި ހާދިސާއަށް ފަހު މާލެ ސިޓީ ކައުންސިލުން 2018 ވަނަ އަހަރު ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓުތަކުގެ ތެރެއިން ރައްކާތެރިނޫން ކޮންސްޓްރަކްޝަން ސައިޓުތައް ދެނެގަތުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މާލެ ސިޓީ ކައުންސިލް، އެޗްޑީސީ އަދި ހައުސިންގް މިނިސްޓްރީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކާއެކު ސައިޓުތަކުގެ ސަލާމާތީ ކަންކަން ބެލުމުގެ ޕްރޮގްރާމެއް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ފަށާފައިވެއެވެ.

ނަމަވެސް މިއަދާއި ހަމައަށް ޖިއާންގެ މަރުގެ ހާދިސާއިން އިބުރަތެއް ނަގާ، މާލެ ސިޓީގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. އަދި ކޮންސްޓަކްޝަން ސައިޓުތަގެ ސަބަބުން ރައްޔިތުންނަށް ހުރި ގެއްލުންތަކުން ސަލާމަތް ވުމަށް އެޅި ފިޔަވަޅުތަކަށް އަމަލުކުރޭތޯ އެކިށީގެންވާ ގޮތެއްގައި ބެލިފައެއް ވެސް ނުވެއެވެ. މިކަން އެނގިގެން ދިޔައީ 2019 ވަނަ އަހަރު ޖުލައި މަހު ހުޅުމާލޭގެ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބިދޭސީއަކު މަރުވުމުންނެވެ. 

46%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް