ads
ހުޅުމާލޭގައި ހަތަރު މަޝްރޫއެއް ކުރިއަށްގެންދަން ހަތަރު ކުންފުންޏަކާއިއެކު ސޮއި ކުރުން - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
އެޗްޑީސީއިން ހުޅުމާލޭގައި ޕާކިން ބިލްޑިން އަކާއި އެކު ހަތަރު މަޝްރޫއުއެއްގެ އެއްބަސްވުމުގައި ކުންފުނިތަކާއި އެކު ސޮއި ކޮށްފި އެވެ.

އެޗްޑީސީއިން ވަނީ، ހުޅުމާލޭގައި ލޭބަރުންގެ އިމާރާތަކާއި، އޮޓޯ ސެންޓަރަކާއި، ޕާކިން އިމާރާތެއްގެ އިތުރުން ޑޭ ކެއާ ސެންޓަރެއް އެޅުމަށް ކުންފުނިތަކާއި ހަވާލު ކޮށްފަ އެވެ. 

އެގޮތުން، އިއްޔެ މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި އެޗްޑީސީގެ ފަރާތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ސޮއި ކުރެއްވި އިރު، ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއު ކުރެއްވީ އެ ކުންފުނިތަކުގެ އިސް ވެރިންނެވެ. 

ލޭބަރުންގެ އިމާރާތް: 

އެޗްޑީސީއިން ބުނީ، ހުޅުމާލޭގައި އިމާރާތް ކުރާ ލޭބަރުންގެ އިމާރާތަކީ، ރާއްޖެއަށް އެކި ކުންފުނިތަކުން ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި އަދި ޖާގަ ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތެއް ދިނުމަށް އިމާރާތް ކުރެވޭ ތަނެއް ކަމަށާއި، މި އިމާރާތް އެޅުމަށް ހަވާލު ކުރެވިފައިވަނީ، ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓްއާ ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ، 14 މަސް ދުވަސްތެރޭ ނިންމާ ގޮތަށެވެ. 

އަދި މިއީ 18 ބްލޮކް ހުންނާނެ އިމާރާތެއް ކަމަށާއި، މި އިމާރާތުގައި 9،000 މީހުންނަށް ތިބެވޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހަނާބަރިއަކާއި ނަމާދުގެ އަދި ފިހާރަ ހިމެނޭނެ ކަމަށާއި، ފަސް ފަންގިފިލާއެއްގައި އޮފީސްތައް ހުންނާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

އޮޓޯ ސެންޓަރު:

ދެ އަހަރު ތެރޭ ނިންމުމަށް މި މަސައްކަތް ހަވާލު ކުރީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންއާ އެވެ. މި އޮޓޯ ސެންޓަރުގައި، ބޭސްމަންޓާ އެކު ފަސް ބުރި ހިމެނޭނެ ކަމަށާއި، މިއީ 35،400 އަކަފޫޓުގެ ޖާގަ ތަނަވަސް ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

ޕާކިން އިމާރާތް:

ދެ އަހަރު ތެރޭ ނިންމުމަށް މި މަސައްކަތް އެޗްޑީސީގެ ފަރާތުން ހަވާލު ކުރީ ދަމާސްއާ އެވެ. މި އިމާރާތުގައި ހަ ފަންގިފިލާ ހުންނަ އިރު، ބޭސްމަންޓު ލައިގެން ފަސް ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ، ޕާކު ކުރުމަށެވެ. މި ޕާކިން އިމާރާތަކީ، 24،700 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. 

ޑޭކެއާ ސެންޓަރު: 

ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހުންނަ މި ޑޭކެއާ ސެންޓަރަކީ، 3،000 އަކަފޫޓުގެ ޖާގައިގެ ހަ ފަންގިފިލާގެ އިމާރާތެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް މި މަސައްކަތް އެޗްޑީސީއިން ހަވާލު ކޮށްފައިވަނީ، އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ)އާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް