ads
ބުޅާ
ބުޅާ ފެސިލިޓީގެ ހިދުމަތްދެވޭވަރު ވާނީ 2023 ވަނަ އަހަރުގެ އެޕްރީލްގައި
މަގުމަައްޗަށް ދޫކޮށްލެވިފައި ހުންނަ ބުޅާ ނުވަތަ "ސްޓްރޭ ކެޓްސް"ގެ މައްސަަލަައަށް ހައްލެއް ހޯދުމަށް މާލޭސިޓީ ކައުންސިލުން އިމާރާތްކުރާ ބުޅާ ފެސިލިޓީގެ މަސައްކަތް ނިމި ހިދުމަތް ދެވޭވަރުވާނީ އަންނަ އަހަރުގެ އެޕްރީލުގައި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ،  އެ ފެސިލިޓީ ގާއިމުކުރެވިގެންދާނީ އެހެން ޖަނަވާރުތަކަށްވެސް ހިދުމަތްދެވޭނެ ވެޓް ސާވިސްއާއި ވެސް އެކު ކަމަށެވެ.

އެ ފެސިލިޓީގެ އިމާރާތް އެޅުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖެނުއަރީ ތެރޭ ފެށޭއިރު، އެޕްރީލް މަސްތެރޭ ހިދުމަތްދެވޭވަރު ކުރުމަށް މަސައްކަތްކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕެޓް ގޮތުގައި ބޭނުންނުކޮށް ދޫކޮށްލެވިފައި ހުންނަ ބުޅަލުގެ މައްސަލަ ނުވަތަ ސްޓްރޭ ކެޓްސްގެ މައްސަލައަކީ މާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެއީ ވެސް ރައްކާތެރިކަން އަދި އަޅާލުން ލިބެންޖެހޭ ޖަނާވާރުން ކަމަށް ގަބޫލުކުރެވޭތީ ބުޅާ ފެސިލިޓީއެއް އެޅުމަށް ނިންމާފައިވާކަން އެ ކައުންސިލުން އެންމެ ފުރަތަމަ ހާމަކުރީ 2021 ވަނަ އަހަރުގެ ޖޫން މަސްތެރެއެވެ.

މާލޭ ސިޓީގައި މަގުމަތިތަކުގައި ބުޅާ ގިނަވާ މައްސަލަތަކާއިއެކު އެތަކެއްޗަށް އަނިޔާކޮށް މަރާ ހަދާ މައްސަލަތައްވެސް މިފަހުން ވަނީ ގިނަވެފައެެވެ. އެހެންކަމުން އެ ތަކެއްޗަށް ފުރިހަމަ ރައްކާތެރިކަމެއް ހޯދައިދެވޭނެ ގޮތެއް ހަދައިދިނުން އެއީ ގިނަ ބަޔަކު މީގެ ކުރިންވެސް ސަރުކާރުގައާއި މާލޭ ސިޓީ ކައުންސިލުގައިވެސް އެދިފައިވާ ކަމެކެވެ. އެހެންނަމަވެސް މިހާތަނަށް އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ އެ ފެސިލިޓީ އެޅުން ލަސްވަމުންދަނީ ސިޔާސީ މައްސަލަތަކާއި ގުޅިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެގޮތަށް ފާހަގަކުރާ ސަބަބެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ، ބުޅާ ފެސިލިޓީ ހެދުމަށް މީގެ ކުރީގައި އޮތް ސިޓީ ކައުންސިލަށް އެޗްޑީސީ އެއްބާރުލުންދީފައި އޮތުމާއި، ކައުންސިލު ބަދަލުވުމާއިއެކު އެކަން ކުރުމަށް އެޗްޑީސީން މިހާރުގެ ކައުންސިލަށް އެއްބާރުލުން ނުދިނުމެވެ. 

އެގޮތުން އޭރު އެއްބަސްވެފައި އޮތް ބިންވެސް އެޗްޑީސީން ދޭން ދެކޮޅުހަދާފައިވާ ކަމަށާއި އެ ފެސިލިޓީއަށް ހަަރަދުކުރުމަށްވެސް އެޗްޑީސީން ބޭނުން ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ، ބުޅާ ފެސިލިޓީއެއް ގާއިމުކުރުމަކީ އެކައުންސިލުގެ މެންޑޭޓުގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ހެލްތު މިނިސްޓްރީ އާއި، އެންވަޔަރަމެންޓު މިނިސްޓްރީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ޒިންމާގެ ތެރޭގައިވާ ކަމެއް ކަން މުއިއްޒު ފާހަގަކުރެއްވި އެވެ. 

ނަމަވެސް އެ މަސައްކަތް ކައުންސިލުން ކުރަމުންދަނީ އެއިން އެއްވެސް ތަނަކުން ޒިންމާ ނުނަގައި ދޫކޮށްލާފައި އޮތްނަމަވެސް ސިޓީ ކައުންސިލުގެ ޒިންމާގައިވާ މާލޭ ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ތެރެެއިން ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް