ads
މެޑަމް ފަޒްނާ
ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ސިމްޕޯޒިޔަމް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ބާއްވާ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން" އިފްތިތާހްކޮށްދެއްވައިފިއެވެ.

ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފްތިތާޙހްކޮށްދެއްވާފައި ވަނީ މި ކަމަށް ޓަކައި މިއަދު މެންދުރުފަހު އެ ކޮލެޖުގެ ކިޔު.އައި. ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ، ރާއްޖޭގައި މި ފަދަ ސިމްޕޯޒިޔަމްއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު، ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި އެ ކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި، އެ މަސައްކަތްތަކުގެ ތެރެއިން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ސިއްހަތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި، ކޮވިޑް ފެސިލިޓީގައި ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ފިލާވަޅަކީ ނަފްސާނީ ދުޅަހެޔޮކަމާ ނުލައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދަތިވާނެ ކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ސިއްހަތުގެ ދާއިރާއަށް ވިލާ ކޮލެޖުން ދޭ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި، އެ ކޮލެޖުން އެ ދާއިރާއިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ގައުމަށް މުހިންމު މިފަދަ ދާއިރާއަކުން މީހުން ބިނާ ކުރުމަށް އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން ނެރޭ ސައިކޮލޮޖީ ބުލެޓިންގެ ފުރަތަމަ އަދަދު ވެސް ނެރެދެއްވާފައެވެ. މި ބުލެޓިންގައި އެ ކޮލެޖުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ސައިކޮލޮޖީގެ އެކި ދާއިރާތަކާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މޭކް މެންޓަލް ހެލްތު އެންޑް ވެލް-ބީންގ ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ،" މި ޝިއާރުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް