ads
ސީއެޗްއެސްސީ
ސީއެޗްއެސްއީ އިން ޖާގަ ނުލިބޭ ދަރިވަރުންނަށް، ކިޔެވުމަށް ސަރުކާރުން ފައިސާގެ އެހީދެނީ
މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިވަރުންނަށް، އަމިއްލަ ސްކޫލަކުން ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
Advertisement

މާލޭ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް ފަސް މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީ ކިޔެވުމުގެ ޝަރުތު ހަމަވިނަމަވެސް ސީއެޗްއެސްއީ އިން ޖާގަ ނުލިބޭ ކަމުގެ ޝަކުވާތައް ދަރިވަރުން ކުރެ އެވެ. ސީއެޗްއެސްސީން ޖާގަ ނުލިބެނީ ސީއެޗްއެސްސީގައި އޮތް ޖާގައިގެ ދަތިކަމުން ނެވެ.

އެފަދަ ދަރިވަރުންނަށް، އަމިއްލަ ސްކޫލަކުން އޭ ލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އެހީ ދެވެނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް ކަމަށެވެ. 

“ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ދަރިވަރެއް މާލޭގެ ކޮންމެ ސްކޫލަކުން މަތީ ސާނަވީ އަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދެވޭނެ.“މިނިސްޓްރީން ބުންޏެވެ.

އެންމެ ފުރަތަމަ ސީއެޗްއެސްސީ ހުޅުވިއިރު ހުރި ދެ ބުރި އިމާރާތް، ބާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެތަނަކީ ރައްކާތެރި ތަނެއް ނޫން ކަމަށް  އެންގުމާއެކު މީގެ ހަ ވަރަކަށް އަހަރު ކުރިން ވަނީ އެތަނުގައި ކިޔަވައިދިނުން ހުއްޓާލާފަ އެވެ. އެހެންވެ، 1500 ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލަށް ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. 

ޖާގައިގެ ދަތިކަން ހައްލުކުރެވި އިތުރު ދަރިވަރުންނަށް ވެސް އެތަނުގައި ކިޔަވަން ފުރުސަތު ދެވޭނެގޮތް ހެދުމަށް އެތަނުގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. 30 މިލިއަން ރުފިޔާ އަށް އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމަން ނަމަވެސް 2020 ވަނަ އަަހަރުތެރޭ އެ ސްކޫލު ހުޅުމާލެ އަށް ބަދަލުކުރަން މިނިސްޓްރީން ނިންމިއެވެ. އަދި އެމަސައްކަތައް ބޭނުންވާ ބިން އެއަހަރުގެ ނޮވެމްބަރުތެރޭ އެޗްޑީސީން މިނިސްޓްރީ އާއި ހަވާލުކުރިއެވެ.

އެޔަށްފަހު އޭރު ރަޝީދު ކާޕެންޓްރީން އެތަނުގައި އަޅަންފެށި އިމާރާތުގެ މަސައްކަތް ހުއްޓާލާފައިވާއިރު އެތަން ކުއްލިއަކަށް އޭރު ހުޅުމާލެއަށް ބަދަލުކުރަން ނިންމި ސަބަބު ސާފެއް ނުވެ އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު  2019 ވަަނަ އަހަރު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އާ އިމާރާތެއް ހުޅުމާލޭގައި އެޅި ނަމަވެސް މިހާރު ބޭނުން ކުރަމުން އަންނަ އިމާރާތް ވެސް ކިޔަވައިދިނުމަށް ބޭނުން ކުރާނެ އެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސީއެޗްއެސްއީގެ އާ އިމާރާތުގެ ބިން އެޑިޔުކޭޝަން މިނިސްޓްރީއާއި އެޗްޑީސީން ހަވާލުކުރިނަމަވެސް އެމަސައްކަތް ގޮސްފައިވާ ހިސާބެއް ސާފުކޮށްދީފައެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް