
ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖަށްދިޔަ ހައްޖާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ޖަވާބު ހޯއްދެއްވުމަށް އެދިވަޑައިގެން އިސްލާމިކް މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ ޕެނަޑޯލް ވިއްކި ކަމުގެ ޝަކުވާ ލިބިފައިނުވާ ކަމަށާއި ނަމަވެސް މެމްބަރުގެ ސުވާލާ ގުޅިގެން އެކަންކަން ބެއްލެވި ކަމަށެވެ.
ކޮފީ ވިއްކި ކަމަށް ބުނާ މައްސަލާގައި މިނިސްޓަރުގެ ވިދާޅުވީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންނަށް އެ ކޯޕަރޭޝަނުން ކޮފީ ވިއްކާފައި ވަނީ އެއީ އިތުރަށް ދޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން ޕެނެޑޯލް ވިއްކި ކަމަށް ބުނާ ޝަކުވާ އާއި ގުޅޭގޮތުން މިނިސްޓަރު ޖަވާބުގައި ވިދާޅުވެފައިވަނީ ހާޖީންގެ ފުށުން އެޝަކުވާ އޭރު އައިސްފައި ނުވާ ކަމަށާއި އެކަން އެނގުނީ މެމްބަރުގެ ސުވާލުގައި އެކަން ފާހަގަކޮށްފައިވުމުން ކަމަށެވެ.
މެމްބަރުގެ ސުވާލުގައި އެ ޝަކުވާ ހައްޖާޖީން އޭރު ކުރިއިރު މިނިސްޓްރީގެ ފަރާތުން އެކަން ހައްލުކޮށްދީފައި ނުވާކަން ފާހަގަކޮށް އެކަމަށް މިނިސްޓްރީން ހައްލު ހޯދައިދީފައި ނުވަނީ، އަދި އެކަމަށް ހައްލުހޯދައިދޭން ކުރި ކަމަކީ ކޮބައިތޯ ވެސް ސުވާލުކޮށްފައިވެއެވެ. ނަމަވެސް މިއަށް ސާފު ޖަވާބެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.
ހައްޖު ކޯޕަރޭޝަނުގެ ހާވާލުގައި ހައްޖަށްދިޔަ ހައްޖާޖީންނަށް ޕެނެޑޯލާއި ކޮފީ ވިއްކި ކަމަށް ބުނެ މެމްބަރު ސުވާލު ކުރައްވާފައިވާއިރު، އެ ކޯޕަރޭޝަނުން ހައްޖަށްދިޔަ ހައްޖާޖީންގެ ޕީސީއާރް ޓެސްޓު އަމިއްލަ ކުންފުންޏަކުން ހައްދާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް މެމްބަރު އިބްރާހިމް ރަޝީދު މީގެ ކުރިން މަޖިލީހުގައި ވަނީ ފާޅުކުރައްވާފައެވެ.
އެކަން ސާފުކުރުމަށް މިނިސްޓަރަށް ކުރި ސުވާލުގެ ޖަވާބުގައި އެދުވަހު ވިދާޅުވެފައިވަނީ އަމިއްލަ ކުންފުންޏަކުން އެކަން ކުރީ އައިޖީއެމްއެޗްއިން އެކަން ހެޔޮ އަގެއްގައި ނުކޮށްދިނުމުން ކަމަށެވެ.