ads
މާރާމާރީގައި މަރުވި ޒަޔާން
ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން މީހުން ބުނެދިން ހަމަލާދިނީ 6 މީހަކު ވެގެން
ހަމަލަދޭން ކުޑަކުދިން ފޮނުވާ އިސްކޮށް އުޅުނު މީހުން ތިބީ ކެފޭއެއްގައި
ހަމަލާދީ ފިލަން އުޅުމާއި، ހެކި ނައްތާލަން އުޅުނު މަންޒަރުގެ ސީސީޓީވީ ލިބިފައިވޭ
އައްޑޫ ސިޓީގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ސ. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުން އެވަގުތު ސީންއަށް އެޓެންޑުވި ފުލުހުންނަށް ކިޔައިދިން ކަމަށް ފުލުހުން ބުނެފި އެވެ.

މި މަރާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޒަޔާން އަށް ހަމަލާދީފައިވާ ސީން އަށް ދިޔައިރު އޭނާގެ ގޭގެ ފުރަތަމަ ފަންގިފިލާގައި ޒަހަމުތަކާއިކު ވެއްޓިފައި ޒަޔާން އޮތް ކަމަށާއި، އޭރު ގޭގެ އެކިތަންތަނުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ. 

ފުލުހުން ހުސް ގަޔާ ބިންމަތީގައި އޮތް ޒަޔާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަނަމަވެސް އޭރު އޭނާއަށް ވާހަކަދެކެވޭތީ އެ ހަމަލާގެ ބައެެއް ތަފްސީލުތައް ފުލުހުންނަށް ޒަޔާން ކިޔައިދިން ކަމަށެވެ.

”ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ޒަޔާން އެވަގުތު ދައްކާފައިވޭ،”ފުލުހުން ބުންޏެވެ.

ޒަޔާން މަރާލާފައިވަނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ގޭންގަކުން ހަމަލާދީ އެވެ. 

މި މާރާމާރީ އަކީ އެ ރަށުގައި އޮންނަ ދެ "ގޭންގް" އެއްގެ ދެމެދުގައި މަސްތުވާތަކެއްޗާއި ގުޅިގެން އުފެދުނު މައްސަލައަކާއި ގުޅިގެން ހިނގި މާރާމާރީއެއް ކަމަށް ފުލުހުން މީގެ ކުރިން ވެސް ބުންޏެވެ. މިއަދުވެސް ފުލުހުން ބުނީ އެމަރަކީ ގޭންގަކުން ދުރާލައި ރާވައިގެން ހިންގި ބަދަލުހިފުމުގެ ހަމަލާއެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ، ޒަޔާން އަށް ހަމަލާދިން މީހުން އޭނާގެ ގެއަށް ދަންވަރުގެ ވަގުތުގައި ވަގަށް ވަދެ ފާރައަށް ތިބެފައިވާ ކަމަށެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާން އަށް ހަމަލާދިނީ އެއަށްފަހު ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެ ހަމަލާދިނުމުގައި ހަރަކާތްތެރިވީ 15 އަހަރާއި 19 އަހަރާއި ދެމެދުގެ ހަ މީހުން ކަމަށް ފުލުހުން ބުންޏެވެ.  

ހަމަލާދިނުމަށް ހެކި ނައްތާލައި ފިލަން މަސައްކަތްކޮށްފައިވާއިރު އެމަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް ލިބިފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނިގޮތުން އަލިފާން ހުޅުގަނޑެެއް ޖަހައި ހެކި ނަައްތާލުމަށް އެމީހުން މަސައްކަތްކޮށްފައިވެއެވެ. އަދި ކްރައިމް ސީންއިން ފުލުހުންނަށް ހޯދުނު ހެކިތަކުން އޭގެތެރެއިން މީހެއްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމަލަދޭން ކުޑަކުދިން ފޮނުވާ އިސްކޮށް އުޅުނު މީހުން ތިބީ ކެފޭއެއްގައި

ޒަޔާންއަށް ސީދާ ހަމަލާދިނީ 15 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިން ކަމަށް ވިޔަސް ހަމަލާ ރޭވުމުގައި އިސްކޮށް އުޅެފައިވަނީ ބޮޑެތި މީހުންކަން ފުލުހުން ފާހަގަކުރިއެވެ. އަދި އެމީހުންގެ ބޭނުމަކީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން "އެކްސްޕްލޮއިޓް"ކޮށްގެން ކުށުގެ ވެއްޓަށް އަހުލުވުވެރި ކުރުވުން ކަމަށް ފުލުހުން ބުންޏެވެ.

”މި ހަމަލާ ދިނުމަށް ދިޔަ މީހުން ސޮލިޑް ގޭތެރޭގައި[ޒަޔާންގެ ގެ ގޭތެރޭގައި] ތިބިއިރު، ރޭވުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުން ސ. ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި އެރޭގެ މެންދަމު 12:00 އިން 1:00 އާ ދެމެދު، ހަމަލާ ދިނުމާއި ހަމައަށް، ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ، “ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުން އެވަގުތު އެތަނުގައި ތިބީ ހާދިސާ ހިނގިވަގުތު އެމީހުންތިބީ ކެފޭގައި ކަން ރައްޔިތުންނަށް ދައްކައި ހަމަލާއާއި އެމީހުންނާއި ގުޅުމެއް ނެތްކަން އާންމުންނަށް ދައްކަައި ތަހުގީގަށް އޮޅުވާލުމުގެ ގޮތުންކަން ފާހަގަކުރެވޭ ކަމަށެވެ.  

ނަމަވެސް އެކަމުގައި އިސްކޮށް އުޅުނު މީހުން އެ ހަމަލާދިނުމަށް މަޝްވަރާ ދީ، ހިތްވަރުދީ، ހަމަލާ ދިނުމަށް ބޭނުން ކުރާނެ ހަތިޔާރާއި އެ ނޫންވެސް އާލާތްތައް ފޯރުކޮށްދިން ކަމާއި، ހަމަލާއަށް ބޭނުންވާ ހަތިޔާރު ހޯދާފައިވާ ގޮތް ތަހުގީގަށް ދެނެގަނެވިފައިވާކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.

މިމައްސަލައިގެ ތަހުގީގަށް 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ހިމެނޭހެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. 18 އަހަރުން ދަށުގެ، 15 އަހަރުގެ ދެކުދިންނާއި، 16 އަހަރުގެ ދެކުދިންނާއި، 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް