ads
ސާއިދު ޑައިލަސިސް ހަދަނީ-- ފޮޓޯ: ހުސެއިން ވަހީދު
ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ނުކުރެވި، ސާއިދު އެނބުރި މާލެއަށް
އެންމެނާ ގުޅޭ އެންމެންގެ ލޯބި ހޯދާފައިވާ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދުގެ ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ނުކުރެވި އެނބުރި މާލެ އައުމަށް ފުރައިފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ޖޫން މަހު ތެރޭ ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައި ވާކަން އެނގުނު ފަހުން ސާއިދު ވަނީ އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ މީހެއް ހޯދުމަށް އެތައް ހިސާބެއްގައި އަތްފުނާ އަޅާފަ އެވެ. އެދުވަހުގެ ފަހުން ސާއިދު ގެންދިޔައީ، ދެދުވަހުން އެއްދުވަހު ދުނިޔޭގައި ހުރުމަށް ޑައިލިސިސްގެ ފަރުވާ ހޯދަމުންނެވެ. އަދި އިންޑިއާއިންވެސް ސާއިދު ވަނީ މިކަމަށް ފަރުވާ ހޯދާފަ އެވެ. 

ސާއިދު ވޭނާއި ކެކުޅުމުގައި ހޭދަ ކުރި ތިން އަހަރަށް ފަހު އުއްމީދުގެ ހުޅުކޮޅު ރޯވެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ސާއިދު އަވަށްޓެރި ލަންކާ އަށް ފުރީ މި އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އެވެ. 

އެހެންނަމަވެސް ލަންކާގައި ހަ މަސް ދުވަހު ހޭދަ ކުރުމަށް ފަހު މިއަދު ސާއިދު ލަންކާ އިން މާލެ އަށް މިރޭ އެނބުރި އަންނަނީ ކުރި އުއްމީދުގައި ކުލަ ނުޖެހި އެވެ. 

އެކި ސަބަބުތަކާއި ހުރެ ލަންކާ ހޮސްޕިޓަލުން ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރުމުގެ ފުރުސަތު ނުލިބުނެވެ. 

މިކަމާއި ގުޅޭ ގޮތުން "ސީއެންއެމް" އަށް މައުލޫމާތު ދިން ސާއިދުގެ ގާތް އެކުވެރިޔަކު ބުނީ، ސާއިދު ލަންކާ އަށް ފުރީ އޭގެ މަހެއްހާ ދުވަސް އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަގީންކަން ހޮސްޕިޓަލުން ދިނުމުން ކަމަށާއި، އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ އޮޕަރޭޝަން ކުރެވޭނެ ގޮތް ނުވި ކަމަށެވެ. 

"ލަންކާ އަށް ދިޔަ ފަހުން ހޮސްޕިޓަލުން އެކި ތާރީހުތައް ކަނޑައަޅައި އޮޕަރޭޝަން ކުރުމަށް. އެހެންނަމަވެސް ދިމާވި ސަބަބުތަކާއި ހުރެ އޮޕަރޭޝަން ކުރުމުގެ ހުއްދަ އެއް ނުލިބުން. ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކުރެވެނީ އެ ގައުމުގެ ހެލްތު މިނިސްޓްރީން ހުއްދަ ދިނުމުން. އެހެންނަމަވެސް އެކި ސަބަބުތަކާއި ހެދި އެ ހުއްދަ ނުލިބުމުން އެނބުރި މާލެ އަންނަން ނިންމީ."

މީގެ އިތުރުން އޭނާ ބުނީ، އޮޕަރޭޝަން ކުރުން ފަސްވި ނަމަވެސް ސާއިދުގެ އުއްމީދަކަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށާއި، ލަންކާ އިން އޮޕަރޭޝަން ނުކުރެވޭ ނަމަ، އެހެން ގައުމަކުން ވެސް ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 

ސާއިދު ލަންކާ އަށް މީގެ ހަ މަސް ދުވަސް ކުރިން ފުރަމުން ދިން އަސަރު ގަދަ މެސެޖު ހިއްސާ ކޮށްލާނަމެވެ. 

"މިއަދު މި ފުރީ ތިޔަ އެކުވެރިންނާއި ވަރަށް ދުރަށެވެ. ހާލަތު މަޖުބޫރު ކުރީއެވެ. ވަކިވެލަން ތަގުދީރު އެދުނީއެވެ. ނަމަވެސް އަބަދުވެސް ތިޔަ އެކުވެރިންގެ ހަނދާންތައް އަޅުގަނޑާއިއެކު ވާނެއެވެ. އެންމެދެކެވެސް ވަރަށް ލޯބިވެއެވެ". ސާއިދުގެ އަސަރުގަދަ މާނަފުން ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

އަޅުގަނޑާއި މުޅި ސީއެންއެމްގެ ހުރިހާ ފަރާތެއްގެ ދުއާ އަކީ އެކުވެރި ސާއިދުއަށް ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރެވޭނެ މަގު މާތްﷲ މިންވަރުކޮށް ދިނުމެވެ. އަދި ސާއިދު އަށް އުފާވެރި ދިރިއުޅުމެއް މިންވަރު ކޮށްދިނުމެވެ. އާމީން...

17%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް