
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އޭނާ ހުށަހަޅާފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އެ ބިލަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ. ނަމަވެސް އެމްޑީޕީގެ 56 މެމްބަރުން އެކަމާ ދެކޮޅަށް ވޯޓު ދިނުމާ އެކު އެ އިސްލާހުތައް ފާހެއް ނުވި އެވެ.
ނައިފަރު މެންބަރު ޝިޔާމްގެ އިތުރުން ދެން އެބިލަށް އިސްލާހުތައް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
އާޒިމް ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސަންޓުގެ ބަދަލުގައި 14 ޕަސެންޓްގެ ޓެކްސްއެއް ނެގުމަށެވެ. އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 46 މެމްބަރުން ވޯޓު ދެއްވީ އިސްލާހު ފާސް ނުކުރުމަށެވެ. އަދި އެ އިސްލާހު ފާސް ކުރަން 15 މެމްބަރުން ވޯޓު ދެއްވި އެވެ.
އާޒިމް ހުށަހެޅުއްވި ދެވަނަ އިސްލާހުގައި ބުނެފައި ވަނީ ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީގެ އަދަދު އިތުރު ނުކުރުމަށެވެ. އެ އިސްލާހަށް 19 މެމްބަރުން ތާއިދު ކުރެއްވި އެވެ. ނަމަވެސް 44 ވޯޓު ދެއްވީ އެ އިސްލާހު ފާސް ނުކުރުމަށެވެ.
އާޒިމް ހުށަހެޅުއްވި ތިންވަނަ އިސްލާހަކީ ޓެކްސް ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހަކީ 2023 ގެ އޭޕްރިލް ކަމުގައި ހެދުމަށެވެ. އާޒިމް ހުށަހެޅުއްވި މި އިސްލާހަށް ވެސް 45 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމުން އެ އިސްލާހު ވެސް ފާހެއް ނުވި އެވެ.