ތިރީސް އަހަރަށްފަހު އަލުން މެދު ޒިޔާރަތުގައި ދިދަ ނަގަން ފަށާފައިވަނީ މާލޭގައި ހުރި އާސާރީތަންތަން އެތަންތަން އަސްލު ހުރިގޮތައް އަލުން އިއާދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިއްޔެ އެވެ.
މި ކަމުގައި ގިނަ ބައެއްގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް މީހުން މިކަމަށް ތައުރީފުކޮށް ވާހަކަ ދައްކަމުން ގެންދާއިރު، ދީނީ އިލްމުވެރިންގެ ގިނަ ބޭފުޅުން މިކަމާ ދެކޮޅެވެ.
ހިޔާލުތަފާތުވުންތައް ގިނަވެފައިވަނިކޮށް، މިއަދު އިރުއޮއްސުނުއިރު ދިދަތައް ވަނީ ބާލާފައެވެ.
މެދު ޒިޔާރަތުގައި ދިދަ ނެގުމާއެކު ޑރ. މުހައްމަދު އިޔާޒު ވަނީ، އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. "ނެތި ގޮސްފައިވާ ބިދުއައެއް އަލުން ދިރުނަ ނުދިނުމަށް" އިޔާޒު ވަނީ އިސްލާމިކް މިނިސްޓްރީ ޓެގު ކުރައްވައި އެދިފަ ވެސް މެއެވެ. އެ ޓުވީޓަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވެސް ވަނީ ލައިކް އެއް ދެއްވާފައެވެ.
އަނެއްބަޔަކު ބުނަނީ މެދު ޒިޔާރަތުގައި ދިދަ ނަގަން ފެށުމުން "މާމަގެ އަތުގަ ހިފައިގެން މެދުޒިޔާރަތް ދޮށުން ދިޔަ ހަނދާންތައް ހިތްމައްޗަށް ގެނެވި، އުފާވެރި އިހުސާސްތަކެއް ކުރުވި ކަމަށެވެ.
މިކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އެއީ އެއްވެސް ގޮތަކަށް ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ސަގާފީ ކަމެއް ކަމަށެވެ.
މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ގައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ގައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އަދި އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އިސްލާމްދީނަށް ވެއްދެވި މޮރޮކޯގެ މަޝްހޫރު އިލްމުވެރިޔާ އަބުލްބަރަކާތުލް ޔޫސުފް އަލް ބަރުބަރީގެ މަހާނަ އެވެ. މި މަހާނައަކީ ސުލްހަވެރިކަމުގެ ރަމްޒެކެވެ.