
ނިމިދިޔަ އަހަރުގެ އެންމެ މޮޅެތި ނޫސްވެރިން ހޮވުމަށް ބޭއްވި ހަފްލާގައި ސަރުކާރުގެ އެންމެ އިސް ފަންތީގެ އެއްވެސް ބޭފުޅަކު ނެތް ކަމުގެ އުނިކަމާއެކު އެކަން ހިނގާފައިވާ ގޮތް ބެލިއިރު މީޑިއާ ކައުންސިލުން އެންމެ ފުރަތަމަ ހަފްލާ ޝަރަފިވެރިކޮށްދެއްވުމަށް ދައުވަތު ފޮނުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށެވެ.
ރައީސްއަށް ވަޑައިގެންނެވެން ނެތް ކަމަށް މީޑިއާ ކައުންސިލަށް އެންގުމުން ދެން ދައުވަތު ފޮނުވީ ނާއިބު ރައީސް ފައިސަލް ނަސީމަށެވެ. އެހެންނަމަވެސް ނައިބު ރައީސްގެ ޝެޑިއުލްވެސް އޮތް ގޮތުން ހަފްލާއަށް ވަޑައިގެންނެވެން ނެތް ކަމަށް އެންގިއެވެ. ރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމަށް ފަހު ނާއިބު ރައީސް ރާއްޖެ ވަޑައިގެންނެވީއެވެސް އިއްޔެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް އަދި ނާއިބު ރައީސްގެ ޝެޑިއުލުން ވަގުތު ނުލިބުމުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަނަށްވެސް މީޑިއާ ކައުންސިލުން ދައުވަތު ފޮނުވިއެވެ. އިމްރާން އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން އެއްވެސް ވަޒީރަކަށް އެކަމަކު އެ ހަފްލާއަށް ވަޑައިގެންނެވޭ ގޮތެއް ނުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނޫސްވެރިންނަށް އެވޯޑް ދިން ހަފްލާއަށް ސަރުކާރުގެ އެންމެ މަތީ ފަޑީގެ ބޭފޫޅަކަށް ވަޑައި ނުގެންނެވުނު ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވާ މަންޒަރު ކަމަށް ނޫސްވެރިކަމުގެ މިނިވަން ދުވަހު ރައީސް ސާލިހް ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވެއެވެ.