މި ހުށަހެޅުއްވުމަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށައަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑޭ ތާއީދު ކުރެއްވި ހުށަހެޅުމެކެވެ. މި ހުށަހެޅުމަށް ލިބުނީ ފަސް ވޯޓެވެ.
އަައްޑޫ އެއާޕޯޓު ތަރައްގީކުރުމަށް ހާއްސަ ބަޖެޓެއް ކަނޑައެޅުމަށް ހުށަހަޅާފައިވާއިރު، ގަން އެއާޕޯޓު ހިންގާ ކުންފުނި ވަނީ ވަރަށް ބޮޑަށް މާލީ ހާލަތު ދަށަށް ގޮސްފައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަށް ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް 15 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައެވެ. ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އެކުންފުނީގެ ގެއްލުން ޖުމްލަ ގެއްލުން 552 މިިލިއަނަށްވުރެ ވަނީ މަތިވެފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އައްޑޫ އެއާޕޯޓު ތަރައްގީކުރަން ކުރާ މަސައްކަތުގެ ބީލަން ވަނީ ފަށާފައެވެ. އެ މަޝްރޫ ހިންގުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 261 މިލިއަން ރުފިޔާގެ ލޯނުންނެވެ. މަޝްރޫ ނިމޭއިރު އެ އެއާޕޯޓުން އަަހަރު 1.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ،
މީގެ އިތުރުން ވެސް ވަނީ މިފަދަ ބައެއް ހުށަހެޅުންތައް ކޮމެޓީން ވަނީ އެކަށީގެންވާ ވޯޓު ނުލިބުމުގެ ސަބަބުން ބޭރުކޮށްލާފައެވެ. އެގޮތުން، ކުޅުދުއްފުށީ ޕޯޓު ތަރައްގީކުރުމަށް 70 މިލިއަން ރުފިޔާ ކަނޑައަޅަން 2023 ވަަނަ އަހަރުގެ ބަޖެޓުގައި ހިމަނަން، ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް ހުށަހެޅި ހުށަހެޅުން ވެސް އެ ކޮމެޓީން ވަނީ ބޭރުކޮށްލައިފައެވެ.
ކުޅުދުއްފުށީ ޕޯޓުގެ ހުށަހެޅުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވިއިރު ސަރުކާރުން އޮތީ ޕޯޓު ތަރައްގީކުރަން، 138.9 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި މި އަހަރު ހަވާލުކޮށްފަ އެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ ހިމަނާފައެވެ.
މި ޕްރޮޖެކްތުތައް ނުހިމެނުނު ނަމަވެސް، ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ އިތުރުކޮށް ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓު ވެސް ވަނީ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ކޮމެޓީން އިތުރުކުރި އަދަދާއެކު ދައުލަތުގެ އަންނައަހަރުގެ ލަފާކުރާ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާއެވެ.
ދައުލަތައް އަންނަ އަހަރުގެ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި 40.5 ބިލިއަން ރުފިޔާ ހަރަދުވާއިރު، ޑެފެސިޓު ވާނީ 14.4 ބިލިއަން ރުފިޔާއެވެ.