
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކޮށް ޖީއެސްޓީ ބޮޑުކުރަން މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކުރި ބިލް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގުކުރައްވާފަ އެވެ.
މި އިސްލާހު ތަސްދީގުކުރެެއްވުމާއިއެކު މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ ލާޒިމުވާ މުއާމަލާތްތަކުން ޖީއެސްޓީ ނަގަންޖެހޭނީ އާ ރޭޓުތަކާއި އެއްގޮތަށެވެ.
ޖެނުއަރީން ފެށިގެން ޖީއެސްޓީ ރޭޓުތައް ބަދަލުވާގޮތް
- ފަތުރުވެރިކަމުގެ ސިނާއަތުގެ ޖީއެސްޓީ ރޭޓް 16 އިންސައްތައަށް ބޮޑުވާނެ
- އެހެނިހެން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް 8 އިންސައްތަ ބޮޑުވާނެ
- 24 ގަޑިއިރުގެ އުސޫލުން ވިޔަފާރި ކުރާ ފަރާތެއްނަމަ ފޯރުވައިދޭ ހިދުމަތުން ޓޫރިޒަމް ދާއިރާއިން ނަމަ 12 އިންސައްތަ އަދި އެނޫން ދާއިރާއަކުން ނަމަ 6 އިންސައްތަ
- އެހެނިހެން ފަރާތްތަކުގެ ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފަށާނީ ވިޔަފާރި ފަށާ ވަގުތުން ފެށިގެން
މިރާއިން ވަނީ، ޖެނުއަރީން ފެށިގެން އާ ރޭޓުތަކުގައި ޖީއެސްޓީ ނަގަން ފެށުމަށް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މުދަލާއި ހިދުމަތުގައި އާ ރޭޓުތައް ހިމަނައިގެން އަގުޖެހުމަށް ކުރަންޖެހޭ ކަންކަން ދުރާލާ ރާވައިގެން ކުރުމަށް ވިޔަފާރި ވެރިންނަށް މިރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ.
މިއަދު ރައީސް ތަސްދީގުކުރި އިސްލާހުގައި ވާގޮތުން:
- 6 އިންސައްތައިގައި ހުރި ޖީއެސްޓީ 8 އިންސައްތަ އަށް ބޮޑުވެގެންދާނެ
- 12 އިންސައްތައިގައި ހުރި ޓީޖީއެސްޓީ 16 އިންސައްތަ އަށް ބޮޑުވެގެންދާނެ