
ފ. އަތޮޅުގައި އަޅާ އެއާޕޯޓެއްގެ ކަންތަކުގައި މަގޫދޫއާ ނިލަންދޫއާ ދެމެދު ނުތަނަވެސް ކަމެއް އުފެދި އެތައް ދުވަހެއް އޮތުމަށް ފަހު އެންމެ ފަހުން އެއާޕޯޓުގެ މަސައްކަތް ފެށީ މި ސަރުކާރުން މަގޫދޫގައެވެ.
ޕީޕީއެމަށް ބޮޑު ސަޕޯޓެއް އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅާ ވާހަކަ އެތައް ދުވަހެއް ވަންދެން ދެއްކި ނަމަވެސް އެކަމުގައި އަލި މަގެއް ނުފެނެއެވެ. ކުރީގެ ރައީސް ޔާމީންވެސްވަނީ ދެ ފަހަރަކު ރިޔާސީ ބަޔާނުގައިވެސް ނިލަންދޫގައި އެއާޕޯޓް އަޅާ ވާހަކަ ވިދާޅުވެފައެވެ. އެހެންނަމަވެސް ޕީޕީއެމްގެ ސަރުކާރު ނިމިދިޔައިރުވެސް އެކަން ނުވެ އޮއްވާ، މި ސަރުކާރުން ފ. އަތޮޅުގައި އަޅާ އެއާޕޯޓް މަގޫދޫގައި އަޅަން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފެށުމާއި އެކު ކުރިން ޕީޕީއެމްގައި ހުންނެވި މުހްސިންވަނީ ސަރުކާރަށް ޝުކުރު އަދާ ކުއްވާފައެވެ.
ކުރީގެ މެންބަރު އަބްދުﷲ ހަލީލުވެސް ތަކުރާރުކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅާ ވާހަކަ އޭނާގެ ދައުރުގައި ދެއްކިއެވެ. އެއާޕޯޓް އަޅަން ސާވޭ ކުރަން ކަމަށް ބުނެ، ޕީޕީއެމްގެ ވެރިކަމުގައި ނިލަންދޫއަށް މީހުންވެސް ފޮނުވިއެވެ. އަދި އެކަމާ ގުޅިގެން އެ ރަށުގައި އެކަން ވަރަށް ފާހަގަކޮށްވެސް ހެދިނަމަވެސް އެކަން ކޮޅެއްގައެއް ނުޖެހުނެވެ.