މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރުމަށް މިއަހަރުތެރޭ ރާވާފައިވަނީ ކޮން މަޝްރޫއުތަކަކުންތޯ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި މެމްބަރަކު މިނިސްޓަރު އަސްލަމް އާއި ސުވާލުކުރެއްވި އެވެ. ރިޔާސީ އިންތިހާބުވެސް ބޯމަތިވަމުން އަންނާތީ އާއިއެކު އެކަން ސާފުކުރަން ބޭނުންވާ ކަމަށް ވިދާޅުވެ މެމްބަރު އެ ސުވާލުކުރެއްވީ މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައިވެސް އަދި ހުދު މިނިސްޓަރު ވެސް މިއަހަރުތެރޭ މާލެއިން ގޯތިކަނޑާފައި މާލޭ ރައްޔިތުންނަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވަ އެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުޅުވާލި ފޯމް ހުށަހެޅުމުގެ މަރުހަލާ ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ގޯތިތަކަށް ހުށަހެޅި ފޯމުތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ.
ގޯތިތައް ދޭނެ މީހުން ޝޯޓިލިސްޓު ކޮށްލެވޭވަރު ވާނެ ކަމަށް މިނިސްޓަރު ލަފާކުރައްވަނީ، 2023 ވަނަ އަހަރުގެ މެއި މަސްތެރެ އެވެ.
މިނިސްޓަރު ވިދާޅުވިގޮތުން:
- ހުޅުމާލެއިން ލިބޭނެ ގޯތިތަކުގެ މިންތައްވެސް ހުރީ ކަނޑައަޅައި ނިމިފައި
- ގުޅީފަަޅު ހިއްކުމުގެ މަސައްކަތް އަދި ނުފެށޭ
- އެމަސައްކަތް ލަސްވެެފައިވާކަން ގަބޫލުކުރައްވާ
- އެމަސައްކަތް ލަސްވީ އިދާރީގޮތުން ނިންމަންޖެހޭ ކަންކަން ނުނިމި ހުރުމުން
މި ސަރުކާރުން އިމާރާތްކުރަން ނިންމާފައިވާ 5000 ފްލެޓާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، އެމަސައްކަތް ދައުރު ނިމުމުގެ ކުރިން ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
ދައުރު ނިމުމުގެ ކުރިން މި ސަރުކާރުގެ ދޫކުރަން ނިންމި ފްލެޓުތައް ނުނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، މި ސަރުކާރުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަަމަށް މިދިޔަ އަހަރު އެޗްޑީސީން ބުންޏެވެ.
ސަރުކާރުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގައި ތަރައްގީކުރާ އެ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރެއް ހިމެނޭއިރު، މިޝްރޫއުގެ ދަށުން ތިން ކެޓަގަރީގެ ހައުސިން ޔުނިޓްތައް ހިމެނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ކައުންސިލް ހައުސިންގެ 120 ޔުނިޓް
- އެފޯޑަބުލް ހައުސިން ޔުނިޓްގެ 220
- މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް
އެ މަޝްރޫއުގެ މަަސައްކަތްތައް އަމަލީ ގޮތުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ.