ads
ބިދޭސީން ގަލޮޅު ދަނޑުގައި--
ގޯސްވީ ފެންޖެހި މީހާ
އެއީ ބިދޭސީ އެކެވެ. އޭނާ އިނީ ޕާކުކޮށްފައި ހުރި ސައިލަކެއްގެ މަތީގަ އެވެ. އެއީ އޭނާގެ ސައިކަލެއް ނޫނެވެ. އޭނާ އެހެން އިންދައި، މީހަކު އައިސް، އޭނާގެ ބޮލަށް ފެން ބާލިދީއެއް އަޅާލި އެވެ. ފަހުން އެނގުނު ގޮތުގައި، ފެންޖެހީ ސައިކަލުގެ ވެރި މީހާ އެވެ.

އެ ހިސާބުން ކަންތައް މުޅިން ގޯސްވި އެވެ. ސައިކަލުގެ ވެރި މިހާ ކުރީ އިންސާނިއްޔަތުކަމެއް ނެތް، ވަރަށް ދަށު ދަރައިގެ އަމަލަކަށް ވި އެވެ. ސައިކަލު މަތީގައި އިން މީހާ ވީ ރަސްކަލަކަށެވެ. އޭނާގެ ދިފާއުގައި ލައްކަ މީހުން ތެދުވި އެވެ. އޭނާ އަށް ބައިވަރު ހަދިޔާ ދިނެވެ. ތުވާލިން ފެށިގެން މޮބައިލް ފޯނަށް ދާންދެންނެވެ.

މި ހާދިސާ ހިނގައި ދިޔަ ގޮތަށް އަދި އެއް ފަހަރު ބަލައިލަމާ ހިނގާށެވެ. ސައިކަލުގެ ވެރި މީހާ އެ ކުރީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ބިދޭސީ އަތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންވެދާނެ އަމަލެކެވެ. އޭނާގެ ޖީބުގައި މުހިންމެ ލިޔުމެއް އޮތް ނަމަ، އިއާދަނުކުރެވުން ވެސް އެކަށީގެންވެ އެވެ. މޮބައިލް ފޯނަށް ވެސް ގެއްލުން ލިބުނެވެ.

ސައިކަލުގެ ވެރި މީހާގެ ފަރާތުން ވެސް ބަހެއް ބުނަން ވާނެ ކަމަށް ދެކެމެވެ. ސައިކަލު ހަރުޖައްސައި ބަހައްޓާފައި ހުންނައިރު، ހުންނާނީ އެއް އަތަށް އަރިކޮށެވެ. އެހެން ހުއްޓައި، މަޑިމަތީގައި އިށީނިމުން ހަރަށް ކުރާ ބާރުގައި، ހަރު ލެނބި، އެ ލެނބުން ބޮޑުވެ އަދި ސައިކަލު ބަހައްޓާފައި ހުންނައިރު ބޮޑަށް އަރިއަޅާ ގޮތް ވެ އެވެ. ހަރު، ހަރުކުރަން ޖަހާފައި ހުންނަ ބޯލްޓް/ އިސްކުރު ނުވަތަ ވެލްޑިންކޮށްފައި ހުންނަ ކަނޑައިގެން ދިއުން އަވަސްވެ އެވެ. މަޑިމަތީގައި އަޅާފައި އޮންނަ ރަބަރު ކަވަރުގެ އެއްފަރާތަށް ދެމިގަނެ، ފަހާފައި ހުންނަ ތަންތަނަށް ބާރުވެ، ފަތި ކައިރިން ރޮދި ނޮޅޭ ގޮތް ވެސް ވެ އެވެ.

ސައިކަލު މަތީގައި ތިބޭ މީހުން އާންމުކޮށް ކުރާ ކަންތައްތަކުގެ ތެރޭގައި، ރޭސް މުއްގަޑަށް އެނބުރުން، ސިގްނަލް ބޮކި ދިއްލާ ސްވިޗް ކޮޅުކޮޅަށް ޖެއްސުން، ބުރަކި ހެންޑެއްޔަށް އޮބުން، ސައިކަލު ކަވަރުގައި ނިޔަފަތިން ކޫރުއެޅުން، ނޭފަތް ކޮއްޓައި ސައިކަލު މަޑީގައި އުނގުޅުން އަދި ލޯގަނޑު އަނބުރައި މޫނު ބަލައި ފުނާއެޅުން ހިމެނެ އެވެ.

ސައިކަލު މަތީގައި އިން މީހާ ގަޔަށް ފެންޖެހި ތަން ފެނި ކަންބޮޑުވި ފަދައިން، ސައިކަލު މަތީގައި ތިބެގެން ސައިކަލުތަކަށް ގެއްލުންދިނުމަކީ ކަންބޮޑުވާ ވަރުގެ ކަމަކަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއިން މީހަކާ ދިމާ އަށް ބުނެވޭ އެއްޗަކުން ގިނަ ފަހަރަށް ގޯސްވަނީ ސައިކަލުގެ ވެރި މީހާ އެވެ.

67%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް