ads
ނައިބު ރައީސް ޗައިނާ ސަފީރާއެކު
ނައިބު ރައީސް ޗައިނާ ސަފީރާ ބައްދަލު ކުރައްވައިފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ މުނާސަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވައި، "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމައެހެންމެ، ސަލާމަތާ ސުލްހަމަސަލަސްކަންފަދަ ކަންކަމުގައި ރާއްޖެއާ ޗައިނާއިން ވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ތައުލީމީ ދާއިރާއިންނާއި އުމްރާނީ ތަރައްގީގެ ދާއިރާ އަދި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުތަކުގެ ގޮތުގައި ރާއްޖެއަށް ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ހިމެނެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރ 1974ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް