ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ރައީސް ޔާމީނުގެ އިތުރު ދެ މައްސަލައެއް، މާދަމާ ފުލުހަށް ހާޒިރުކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާދަމާ ދޭއް ޖަހާއިރު ފުލުހަށް ހާޒިރުކުރާނެކަން އަންގާފައިވާ ކަމަށާއި އެމަނިކުފާނުގެ އިތުރު ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީން، އިތުރު ދެ މައްސަލައެއްގައި މާދަމާ ދޭއް ޖަހާއިރަށް ޕޮލިސް ތަހުގީގަށް މާލެއަށް ގެންނަވާނެކަން އަންގާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބް ރައީސްކަން ކުރެއްވި ޖަމީލް އިތުރަށް ވިދާޅުވީ ފުލުހުންނަކީ ސަރުކާރުން ޖަހާހައި ބެރަކަށް ނަށާއި ބަޔަކަށްވެފައިވާ ކަމަށެވެ. އިތުރަށް އޭނާ ވަނީ ދިވެހި ގައުމަށް ގާނޫނު އަސާސީގެ ދަށުން މިނިވަން މުވައްސަސާތައް ލިބޭނީ ކޮން ދުވަހަކުންތޯ ވެސް  ސުވާލު އުފައްދަވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމާއި އެކު ފަސް މިނިއަން ޑޮލަރުން ޖުރިމަނާ ކޮށްފައިވަނީ މިދިޔަ އަހަރު އެވެ. އަދި އެ މަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށް ޝަރީއަތް ކުރއަށް ދާއިރު، ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމަށް ޝަރުތުހަމަނުވާކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އިިސްތިއުނާފުގެ އަޑުއެހުމުގައި ވަނީ އިތުރު އަޑުއެހުމެއް އަންނަ މަހުގެ ތިންވަަނަ ދުވަހު ބޭއްވުމަށް ނިންމާފަ އެވެ. 

ހިތުގެ ބައްޔަކަށް ދާދިފަހުން ރައީސް ޔާމީން، އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފައިވާއިރު އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގެންފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް