ads
ޔާމީން ޖަލުން މިނިވަންވީ މިދިޔަ އަހަރު
ޔާމީން އަތުން ލިބެންޖެހޭ ފައިސާއެއް އޮތްތޯ ބަލައި ކޯޓަށް ހުށަހަޅާނެ: އެމްއެމްޕީއާރްސީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދައި، އެއީ ދައުލަތައް ނެގޭނެ ފައިސާއެއްތޯ ބަލައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.
Advertisement

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމާ އެކު ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓާއި ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި އެމައްސަލާގައި 2021 ވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ހުކުމް ބާތިލުކޮށް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމާފަ އެވެ. 

އެ ހުކުމާ އެކު ރައީސް ޔާމީން މިނިވަންވި ނަމަވެސް، ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކިޔާ ކުންފުންޏަކުން ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާއި މެދު ސުވާލު އުފައްދާފައި ވެއެވެ. އަދި އެ ފައިސާ ހޯދުމަށް ފެންނަ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

"މި މައްސަލައިގައި އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދި ވެސް އޮތްކަމުގައި ދެކެން. އަދި މި ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާއާއި އެ ފައިސާ އިންްވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ އެ ފައިދާއެއް ހިމެނޭހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިފައިވާ ކަމަށް އަހަރެން ދެކެން،" ރައީސް ޔާމީން މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވެއެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ސުވާލުކުރުމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު "ސީއެންއެމް"އަށް ވިދާޅުވީ، އެފައިސާ ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"ވޮޑަމުއްްލާ މައްސަލާގަައި އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް، އަދި އެފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ދައުލަތުގެ ނިޒާމުގެ ތެރެއިން މިމަސައްކަތް ކުރަމުން އަންނަ ބޭފުޅުން ފަހުން ހާމަކުރައްވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ތަފްސީލު ދެއްވަން އުޒުރުވެރިވީ ނަމަވެސް ވޮޑަމުއްލާ މައްސަލާގައި އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާއެއް އޮތް ނަމަ އެ ފައިސާ ހޯދުމަށް އެޓާނީ ޖެނަރަލްގެ ފަރާތުން ދައުވާ ކުރައްވާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އެ މަސައްކަތް ކުރެވޭނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ. 

"ލީގަލީ ތިކަން ކުރާނީ، އަޅުގަނޑުމެންގެ ލީގަލް ޓީމުން ބަލަން އޮތްކަމެއް ބަލާފައި ދެވެން އޮތް އެހީއެއް ނޫނީ ކުރަންޖެހޭ ކަމެއް ކުރާނެ. މަސައްކަތް ކުރިއަށް އެބަދޭ،" ވޮޑަމުއްލާ މައްސަލާގައި ޔާމީންގެ ފަރާތުން ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓަށް ދިއުން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ، މީގެ ކުރީގެ އެފަދަ މައްސަލަތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ ލަފާފުޅާއި އެއްގޮތަށް ކަމަށެވެ. 

އެމައްސަލަ އޭޖީ އޮފީހާއި ގުޅިގެން ކުރަމުންދާ ކަމަށް އެމްޑީ ތޮއްޔިބު ވިދާޅުވި ނަމަވެސް، އޭޖީ  އޮފީހުން ”ސީއެންއެމް“ އަށް ބުނީ، އެމައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އަމަލު ކުރަން ފެންނަ ގޮތް އެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ. 

”މައްސަލާގައި އޭޖީ އޮފީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެމްއެމްޕީއާރްސީއަށް ހުށަހަޅާފައިވަނީ. ދައުވާކުރަން ހުށަހަޅާނީތޯ ނޫނީ ފައިލް ކުރާނީތޯ ނިންމާ އެކަން ކުރާނީ އެމްއެމްޕީއާރްސީން، “ އޭޖީ އޮފީހުން ބުންޏެވެ.

ޔާމީން މިނިވަން ކުރަން ސްޕްރީމް ކޯޓުން އިއްވި ހުކުމުގައި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދައި ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ލަފާދިން ނަމަވެސް އަހަރެއްވީ އިރު އެމައްސަލާގައި ދައުވާކުރަން މިހާތަނަށް ކޯޓަށް އެމްއެމްޕީއާރްސީން ހުށަހަޅާފައެއް ނުވެ އެވެ. އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާ ކަމަށް ސާބިތުނުކޮށްދެވިއްޖެނަމަ، އެ ފައިސާ އޮޓަމެޓިކަލީ ޔާމީންގެ އެކައުންޓަށް ޖަމާވާން ޖެހޭނެ އެއްބަަސްވުމެއް ދައުލަތާ އެކު އޮތްކަން މިފަހުން ޔާމީން ހާމަކުރައްވާފައިވެސް ވެއެވެ. އެހެންވެ އެ ފައިސާ ހޯދުމަށް ކޯޓަށް ދާނެކަމަށް ޔާމީން ވަނީ މިފަހުން ވިދާޅުވެފަ ވެސް މެއެވެ.  

އެއް އަހަރު ދުވަސްވީއިރު އެ ފައިސާ ހޯދުމަށް ދައުލަތުން ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، މޮޑަވުއްލާ މައްސަލާގައި އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރުމަށް ވެސް ދައުލަތުން ވަނީ ނިންމާފަ އެވެ. އެސްއޯއެފް ކުންފުންޏަކީ ހުކުމުގައި ސުވާލު އުފެއްދި އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކުންފުންޏެވެ. 

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމަށް ބޭނުން ކުރީ ވެސް އެސްއޯއެފް އެކައުންޓެވެ. ފްރީޒްކޮށްފައި އޮތް އެ އެކައުންޓު މިއަހަރުގެ އޮގަސްޓު މަސްތެރޭ ވަނީ ދޫކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް