ads
ޖަޕާނުން އެެހީ ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ:ޖަޕާން އެމްބަސީ
ކުނި މެނޭޖުކުރުމަށް ޖަޕާނުން 80 މިލިއަން ރުފިޔާގެ އެހީ އެއް
ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށް 700 މިލިއަން ޔެން (80 މިލިއަން ރުފިޔާ) ގެ އެހީ އެއް ޖަޕާނުން ރާއްޖެ އަށް ދީފިއެވެ.

މި އެހީ ރާއްޖެ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ފޯ ފޮރިން އެފެއާޒް ޓަކެއީ ޝުންސްކޭ ރާއްޖެ އަށް ކުރައްވަމުންދާ ދަތުރު ތެރެއިންނެވެ. 

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކެއީ ޝުންސްކޭ އެވެެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު ވިދާޅުވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގެ މި ދަތުރުގެ ތެރެއިން މުހިންމު އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރައްކާތެރިގޮތުގައި ކުނި މެނޭޖު ކުރުމަކީ ތިމާވެށީގެ ދާއިރާއިން ސަރުކާރުގެ މުހިންމު ތަސައްވުރާއި ގުޅިފައިވާ ކަމެއް ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އަދިވެސް އެ ދާއިރާ ތަރައްގީ ކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ކުނި މެނޭޖުކުރުމުގެ ގައުމީ ޕްލޭނެއް އޮތް ނަމަވެސް ގޮންޖެހުންތައް ދިމާވެފައިވަނީ ކެޕޭސިޓީ އާއި ވަސީލަތްތައް މަދުވުމުން ކަމަށާއި ޖަޕާނުގެ މި އެހީ ގެ ސަބަބުން ބޭނުންވާ ވަސީލަތް ހޯދާ ކުނި ރައްކާތެރި ގޮތުގައި މެނޭޖު ކުރުމަށް އެހީ ލިބިގެންދާނެ ކަމުގައެވެ.

ޖަޕާނުގެ މި އެހީ އަކީ ކުނި އެއްކުރުމާއި ވަކިކުރުމުގެ ނިޒާމު ހަރުދަނާކޮށް ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި އާންމު ސިއްހަތުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ އެހީ އެކެވެ.

މި އެހީގެ ދަށުން ވޭސްޓް ގްލާސް ކްރަޝާ، ވޭސްޓް ކޭން / ޕްލާސްޓިކް ކޮމްޕްރެސާ، ލައިޓް ވެއިޓް ޓްރަކްސް، ވީލް ލޯޑާސް އަދި ކޮމްޕެކްޓާ ޓްރަކްސް ފަދަ ވަސީލަތްތައް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އެހީގެ ދަށުން 90 އަށް ވުރެ ގިނަ ރަށުގައި ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރެވި، އެއްކުރާ ކުނި މެނޭޖުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއް ހާއްސަކުރެވި އެތަންތަނުގައި ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

ޖަޕާނާއި ރާއްޖެ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރަށް 55 އަހަރު ފުރިފައިވާއިރު، ޖަޕާނުން އަންނަނީ އެކި ދާއިރާތައް ހިމެނޭހެން ރާއްޖެ އަށް ގިނަގުނަ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ތިމާވެށީގެ ދާއިރާ އަދި އާންމު އިޖުތިމާއީ ދާއިރާ ހިމެނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް