ads
ދައުވާ އާއި ގުޅިގެން ޖިހާދުގެ "ހިތް ފަޅައިގެން" ހިނގައްޖެ
ބަންޑާރަނައިބުގެ އޮފީހުން އިއްޔެ އާންމު ކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ ބަދަލުހޯދުމަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ ދެ ފްލެޓް ހަމަޖައްސައިދީފައި އޮތްއިރު، ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން އެތަން ބޭނުންކުރެއްވި ކަމަށެވެ. އަދި އެ މުއްދަތަށްވާ ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުވާގައި ވަނީ އެދިފައެވެ. 

މިމައްސަލައާއި ގުޅިގެން ޖިހާދު ވަނީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލާފައެވެ. އަދި ޖިހާދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. 

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޖިހާދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން އެމަނިކުފާނު ދިރިއުޅުމަށް ރެހެންދި3 ގެ ދެ ފްލެޓެއް ހަމަޖައްސައި ދިނީ ކުރިން އެމަނިކުފާނު އުޅުއްވި ތަނުގައި ހުރި ދަތިތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ރެހެންދީގެ ދެ އެޕާޓްމެންޓްގެ ތެރެއިން އެއް އެޕާޓްމެންޓަކީ ސެކިއުރިޓީނަށް ހާއްސަ ތަނެއްކަމަށްވެސް ވިދާޅުވި އެވެ. 

ޖިހާދު ވިދާޅުވީ، އެ ދެ ތަން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހެދުމަށް ރައީސް ޔާމީނާއި އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްބަސްވުމެއް ނުހެދި އުޅެނިކޮށް ސަރުކާރު ބަދަލުވީ ކަމަށް ވިދާޅުވި އެވެ. 

ޖިހާދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެކަމުގައި އެއްބަސްވުމަކަށް ނާދެވުނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އާއި ހެދި ކަމަށެވެ. އަދި އެކަމަށް އިހުމާލުވީ މުއިއްޒު ކަމަށް ވިދާޅުވި އެވެ. އަދި އެ ކަމުގައި މުއިއްޒު ޒިންމާ ނަންގަވަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

your image

ޖިހާދު ވިދާޅުވީ ވެރިކަން ބަދަލުވުމާއި އެކު އޭނާ އެތަނުން ނިކުމެފައިވާ ކަމަށެވެ. 

މީގެ އިތުރުން ޖިހާދު ވިދާޅުވީ އެޕާޓްމެންޓްގެ ކަންކަމުގައި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބަންޑާރަނައިބާއި އެކަމުގައި މަޝްވަރާ ކުރުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޖިހާދު ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެކަމުގައި ހައުސިން މިނިސްޓްރީން އެންގީ ތަޅުދަނޑު ހަވާލު ކުރުމަށްކަމަށާއި އެހެން ނަމަވެސް ހައުސިން މިނިސްޓްރީއަށް ތަޅު ދަނޑި ހަވާލު ކުރެވެން ނެތްކަމަށް ވިދާޅުވި ކަމަށް ޖިހާދު ވިދާޅުވި އެވެ. 

"އެތަނަކީ [ރެހެންދި ފްލެޓްގެ އެޕާޓްމެންޓް] މުލިއާގޭގެ އެއްޗެހި ހުރިތަނެއް. މުލިއާގޭ ހަރަދުގަ އެތަނުގެ ކަންކަންކޮށްފަހުންނާނީ. ހައުސިން މިނިސްޓްރީން ތަޅުދަނޑި ދޭން ބުނި އިރުވެސް އަޅުގަނޑު އެތާކު ނޫޅެން. އެހެން ނަމަވެސް ހައުސިން މިނިސްޓްރީ އަށް ތަޅުދަނޑު ނުދެވޭނެ ކަމަށްބުނީ އެތަނަކީ މުލިއާގެއާ ހަވާލުކުރަންޖެހޭ ތަނަކަށްވާތީ. އަޅުގަނޑަށް ތަޅުދަނޑީ ދިނީ މުލިއާގެއިން."

ޖިހާދު ވިދާޅުވީ އޭގެ ފަހުން ރައީސް އޮފީހުގެ ސިޓީއެއް ލިބުނު ކަމަށާއި، އަދި ސިޓީ ލިބުމާއި އެކު މުލިއާގެއާ ތަޅުދަނޑި ހަވާލުކުރެއްވި ކަމަށެވެ. 

"މިކަމުން ފެނިގެން ދަނީ ސަރުކާރުގެ ދޯދިޔާކަން ނޫންތޯ؟ މުއައްސަސާތަކުގެ މެދުގައި ކޮމިއުނިކޭޓް ނުކުރެވެނީ ނޫންތޯ؟ އަޅުގަނޑު މިއީ މީން ދުވަހަކުވެސް ކޯޓަށް ދާންޖެހުނު މީހެއް ނޫން. އަޅުގަނޑު މިހިރީ ކޯޓަށް ދާން ތައްޔާރަށް. އެހެން ނަމަވެސް ވަރަށް ހިތާމަ ކުރަން ބަޔާން ނެރުނީމަ. މިއީތޯ މީހުންނާއި މެދު އަމަލުކުރަންޖެހޭ ގޮތަކީ؟"

ޖިހާދު ވަނީ ދައުލަތަށް 30 އަހަރު ކޮށްދިން ހިދުމަތުގެ އަގަކީ ހުތުރު ދޮގު ބަދުނާމެއް އެޅުވުމަށްފަހު ދައުވާކުރުންތޯ ސުވާލު ކުރައްވާފައެވެ. ތިން ފަހަރު ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޖިހާދު ވަނީ ނުހައްޤު އަދަބެއް ދޭންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. 

"އަޅުގަނޑު އެއްވެސް މީހެއްގެ ލޭ ބޮއެގެން މަގާމެއް ބޭނުމެއްވެސް ނޫން އަދި ހުންނާކަންވެސް ބޭނުންމެއްވެސް ނޫން. ނުހައްޤު އަދަބު ދޭންޖެހޭ ސަބަބަކީ ކޮބައިތޯ؟ ނަހަމަ މުއްސަނދި ކަމަކީ ކޮބައިތޯ؟ ކިތައް މީހުންތޯ އަޅުގަނޑުމެން ކުރިމަތީ އެކި ގޮތްގޮަތަށް މުއްސަނދިވެގެން އެދަނީ މަގާމުތަކަށް އައުމަށްފަހު، ރިސޯޓާ ބިމާ ފްލެޓާ! މިއީ ތޯ ގައުމަށް ހިދުމަތް ކޮށް ރީތިކޮށް އުޅެން ބޭނުންވާ މީހުނަށް ހުރި ގޮތަކީ؟"

ނުހައްގު މުއްސަނދިކަން ހޯދާފައިވާކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވާއިރު ޖިހާދު މިވަގުތު ހުންނެވީ ސިއްހީ ފަރުވާއަކަށް ރާއްޖޭން ބޭރުގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް