ads
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: ގްރޫޕް އީގައި ޓީސީ އާއި މާޒިޔާ
އިންޑިޔާގެ ބެންގަލޫރު އެފްސީގެ މައްޗަށް ރާއްޖޭގެ މާޒިޔާއިން ހޯދި ކާމިޔާބީއާ އެކު، އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ރާއްޖޭގެ ދެ ޓީމް ހިމެނޭނެ އެވެ. އެއީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އާއި ޕްލޭ އޮފު ކުޅެގެން ޖާގަ ހޯދި މާޒިޔާ އެވެ. މިއީ ދިވެހި ދެ ޓީމް އެއް ގްރޫޕެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕްގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން މިހާރު ދެކުނު އޭޝިޔާގެ ޓީމުތައް ހިމެނެނީ އެއް ގްރޫޕެއްގަ އެވެ. ދިވެހި އެއް ޓީމަށް ސީދާ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭއިރު، ދެވަނަ ޓީމަށް އޮންނަނީ ޕްލޭ އޮފް ފުރުސަތެކެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ޓީސީ އާއި މާޒިޔާއިން ވެސް ފުރަތަމަ މެޗަށް ނިކުންނާނީ ރަށުން ބޭރުގަ އެވެ. ބަންގްލަދޭޝްގައި އެ ގައުމުގެ ޗެމްޕިއަން ބަޝަންދްރާ ކިންގްސްއާ ދެކޮޅަށް ޓީސީން ނުކުންނައިރު، ހަމަ އެ ދުވަހު މާޒިޔާއިން ނުކުންނާނީ އިންޑިޔާގެ ޗެންނާއީ އެފްސީއާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ ގުޖްރާތުގެ އަހްމަދު އާބާދުގެ ދަ އެރީނާ ސްޓޭޑިއަމްގަ އެވެ.

މާޗު މަހުގެ 11 ވަނަ ދުވަހުގެ މެޗުތަކަށް ފަހު، މަސް ދުވަސް ފަހުން އޭޕްރީލް 14 ވަނަ ދުވަހު މާޒިޔާ މާލޭގައި ބަޝަންދްރާ ކިންގްސްއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އޭގެ އަނެއް ދުވަހު ޓީސީ މާލޭގައި ނުކުންނާނީ ޗެންނާއީ އެފްސީއާ ދެކޮޅަށެވެ.

އެއް ގްރޫޕެއްގައި ހިމެނޭ ޓީސީ އާއި މާޒިޔާގެ މެޗު އޮންނާނީ އޭޕްރީލް 29 ވަނަ ދުވަހު އެވެ. މިއީ މާޒިޔާގެ ހޯމް މެޗެވެ. މި މެޗު ވެގެންދާނީ އިންޓަނޭޝަނަލް މެޗެއްގައި ދިވެހި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމަށެވެ. ޓީސީގެ ހޯމް މެޗު އޮންނާނީ މެއި މަހުގެ ތޭރަވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް