ads
ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް އިތުރު ރަށަކާއި ފަޅެއް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައި.
ކްރޮސް ސަބްސިޑީގެ ގޮތުގައި އިތުރު ރަށަކާއި ފަޅެއް ދޫކުރަނީ
މަޝްރޫތައް ހިންގުމުގެ ބަދަލުަގައި ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް އިތުރު ރަށަކާއި ފަޅެއް ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ލިސްޓަށް އިތުރު ކޮށްފައިވަނީ ނ. ދެކެނަންފަރާއި ނ. ދިގުފަރު ފަޅެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށް މީގެ ކުރިން އިއުލާނު ކުރި ހަ ރަށަކީ އެ ބޭނުމަށް ދޫކުރުމަށް ރައީސް ސާލިހު ކަނޑައަޅުއްވާފައިވާ ރަށްތަކެއް ކަމަށް ވީނަމަވެސް، އެ ލިސްޓަށް އުނިއިތުރު އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިފަހުން ވަނީ ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގައި، އެ މަޝްރޫއަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާ މަސައްކަތާ ހަވާލުވާ ފަރާތުން އެއްފަހަރާ ދައްކަން ނުޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ހަ ރަށެއް ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރިއެވެ. އެރަށް ތަކަކީ ށ. ކުޑަޅައިމެންދޫ، ނ. ކުންނަމަލެއި، ޅ. މެއްޔަފުށި، ތ. ދިއްފުށި، ތ. ކަޅުފަހަލަފުށި އަދި ގއ. ފުލަނގިއެވެ.

ކްރޮސް ސަބްސިޑީ އަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ.

އެގޮތުން އެއާޕޯޓުތައް އެޅުމަށާއި ފެރީ ހިދުމަތް ދިނުމަށާއި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

ޑޮމެސްޓިކް އެއާޕޯޓް އަޅަން ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ހަ އެއާޕޯޓަކަށް ފައިސާ ހޯދުމަށް  ޕްލޭނިން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. 

މިހާތަނަށް ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަަތަރު ކުންފުންޏަކާ އެކު ޕްލޭނިން މިނިސްޓްރީން ވަނީ ފައިނޭންސިން އެގްރިމެންޓްތަކުގައި ސޮއިކޮށްފައެވެ. އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރަން ހުޅުވާލި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ރ. އަލިފުށި، ފ. މަގޫދޫ އަދި ތ. ވިލުފުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް