ads
އެމްޑީޕީ ވަނީ ދެފެކްޝަނަކަށް ބެހިފައި——ފޮޓޯ: ސީއެންއެމް
2022: ރައީސް ސޯލިހްއަށް އެމްޑީޕީ "އާއެކޭ" ބުނުން، ނަޝީދު ބާކީވުން!
ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ފާޅުގައި ނިކުމެވަޑައިގެންނެވި
ނިމިިދިޔަ 2022 ވަނަ އަހަަރަކީ ސިޔާސީ ހުރިހާ ކުލަވަރެއް ފެނިގެންދިޔަ އަހަރެކެވެ. ނުހަނު އުންމީދާއިއެކު ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު "ހަނީމޫން" ދުވަސްވަރު ނިމުނުއިރު އޮތީ "ވަރިފަށަށް" އަރާފަ އެވެ. މި ލިއުމުގައި މި ބަލާލަނީ 2022 ވަނަ އަހަރު ސިޔާސީ މަޝްރަހުން ފާހަގަކުރެވިގެންދިޔަ މުހިންމު ކަންކަމަށެވެ.

މި ނިމުނު 2022 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަސް އެއީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕާޓީ އަދި އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ބޮޑު ދުވަހެކެވެ. ޕާޓީތެރޭގައި އެހާމެ ކޯޅުން ބޮޑުވެ، ޒުވާބުތަކާއި ހުތުރު ބަހުގެ ހަމަލާތައްވެސް ރައްދު ކުރެވުނު ދުވަސްވަރެކެވެ. އާދެ، އެމްޑީޕީގެ ޗެއަޕާސަން ކަމުގައި ހުންނެވި ހަސަން ލަތީފުގެ ދައުރު ހަމަވެ، އާ ޗެއަޕާސަނަކު އައްޔަނު ކުރަން ޖެހުނީ އެވެ. 

ށ. ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނަށް އަތާއި އަތްގުޅާލި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ލީޑަރު ރައީސް ސޯލިހު، އަނެއްކާވެސް ދެ އޮޑިއަށް އަރާ ހަނގުރާމަ ފެށީ އެވެ. ދެ ބޭފުޅުންގެ ފަރާތުންވެސް ދެ ކެންޑިޑޭޓަކު މި އިންތިހާބަށް ނެރުނެވެ. ރައީސް ސޯލިހު ނެރުއްވީ މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު، އަދި "ބްރޯ" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ރައީސް ނަޝީދު ނެރުއްވީ އެމަނިކުފާނަށް ވަފާތެރި، ޕާޓީގައި އެތައް ގުރުބާނީތަކެއް ވެވަޑައިގެން، ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) އެވެ. 

ފައްޔާޒު ހުރީ ރައީސް ސޯލިހުގެ ވެރިކަން ދިފާއުކުރުމަށެވެ. އިންތި ހުންނެވީ، ނަޝީދު ޕާޓީން އެކަހެރި ނުކުރުމުގެ އަޒުމުގަ އެވެ. ދެ ބޭފުޅުންނަށްވެސް މި ހަނގުރާމައިން ކާމިޔާބު ލިބުން ނުހަނު މުހިންމުވި އެވެ. ސަބަބަކީ އެ އިންތިހާބަކީ 2023ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ތެރެއިން ނެރޭނެ ކެންޑިޑޭޓަކާއިމެދުވެސް ގޮތެއް ނިމިގެންދާނެ އިންތިހާބަކަށް ވުމެވެ. އަދި ޕާޓީތެރެއިން ބާކީވަމުންދިޔަ ކަމަށް ބުނަމުންދާ ޕާޓީގެ ރައީސް ނަޝީދަށް ޕާޓީގެ ރިޔާސީ ޕްރައިމަރީން ކާމިޔާބު ހޯދުމަށްވެސް އޮތް ހަމައެކަނި ގޮތަކީވެސް އެމަނިކުފާނަށް ކާމިޔާބު ލިބުން ކަމަށް ވުމެވެ.

ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ފާޅުގައި ނިކުމެވަޑައިގަތުން

މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން ކަމަށް ވިދާޅުވެ، ސަރުކާރާއި ދެކޮޅަށް ފާޅުގައި ރައީސް ނަޝީދު ނިކުންނެވީ، މި ޗެއަޕާސަން އިންތިހާބުގެ ތެރެއިން ނެވެ. އެގޮތުން، އިންތިހާބުގެ ކެމްޕެއިންތައް ފޯރިގަަދަވެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުތެރެ ހޫނުވެފައިިވަނިކޮށް، އެޕްރީލް 23 ވަނަ ދުވަހު ރޭގެ ވަގުތެއްގައި ގުރޫޕަށް ނަޝީދު ފޮނުއްވެވި މެސުޖުގައި ވިދާޅުވެފައިވަނީ "މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން" ކަމަށެވެ. ކޯލިޝަނަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ، މި ސަރުކާރަކީ މިހާރު އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ.

މި ދުވަސްވަރުގެ ތެރޭގައި އެ ވަޓްސް އެޕް ގޫރޫޕް ތެރޭގައި އެމްޑީޕީތެރޭ އޮތް ބައިބައިވުން ދިޔައީ ވަރަށް ރަނގަޅަށް ފެންނަމުން ނެވެ. އެގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކު ފަލީހަތްކޮށްވެސް ގުރޫޕުތެރޭ ބަހުގެ ހަމަލާތައް ރައްދުކުރަމުން ދިޔަ އެވެ.

މި ބަހުސްތަކުގައި ޗެއަޕާސަން އިންތިހާބު އެހާ ވާދަވެރިކަން ބޮޑުވެ، ދެފެކްޝަނުގެ ތެރޭ ކޯޅުން ބޮޑުވީ ނަޝީދަށް ތާއިދު ކުރައްވަމުން ގެންދެވި މެމްބަރުންގެ އޮތް "ބިރުވެރި ވިސްނުމެއް" ގެ ސަބަބުން ނެވެ. އެއީ ނަޝީދު ޕާޓީތެރެއިން އެކަހެރިކޮށްލަން އުޅޭ ކަމުގެ ބިރުވެރި ކަމެވެ. ޗެއަޕާސަން ކަމަށް އިންތި ނުހޮވިއްޖެނަމަ އެމްޑީޕީގެ ރައީސް ނަޝީދު ޕާޓީތެރެއިން އެކަހެރިވެ، ބާކީ ވެގެންދާނެ ކަމަށް ކުރީގެ ޗެއާޕާސަން، ހަސަން ލަތީފު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ކުރިމަތީގައި މިއަދު އޮތީ އެންމެ ސުވާލެއް. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ކޮށް އެކަހެރިކޮށް، އެއްފަރާތްކޮށް 2023 ގެ އިންތިހާބަށް ދާނީތޯ؟ ނޫނީ ނަޝީދުގެ ވިސްނުފުޅާއި ތަސައްވުރާއިއެކީ އަދި މަސައްކަތާއިއެކު، 2023ގެ އިންތިހާބަށް ދާނީތޯ. މި އިންތިހާބުގެ ނަތީޖާއަކަށް ވާނީ މި ސުވާލަށް ޖަވާބު ލިބުން" އައްޑޫ ސިޓީ ހިތަދޫގައި އިންތިގެ ކެންޕެއިން ޓީމުން ބޭއްވި ތަރާވީސް ބައްދަލުވުމުގައި ހަަސަން ލަތީފު ވިދާޅުވީ މިހެން ނެވެ.

ހަސަން ލަތީފް އެދުވަހު ވިދާޅުވީ، ނަޝީދު ބާކީކޮށް އެކަހެރިކޮށް، އެމަނިކުފާނުގެ މަޝްވަރާއެއްނެތި 2023ގެ އިންތިހާބަށް ގޮސްގެން ހޯދޭނެ ކާމިޔާބެއް ނޯންނާނެކަން އެއީ އެމްޑީޕީގެ މެމްބަރުން ގަބޫލުކުރާނެ ކަމައް ކަމަށެވެ. އިންތި އިންތިހާބުކޮށްފިނަމަ އެ ގޮތަށް ކަންތައް ޕާޓީތެރޭ ނުހިގާނެކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ، އޭރުން ރައީސް ނަޝީދު ހުންނަވާނީ ޕާޓީ ހިންގެވުމުގައި ޕާޓީގެ ރައީސްގެ ގޮތުގައި ކަމަށެވެ. އަދި 2023ގެ އިންތިހާބަށް އެމްޑީޕީން ދާނީވެސް އެމަނިކުފާނުގެ މަޝްވަރާއާއި އެކު ކަމަށެވެ.

your imageއިމްތިގެ ކެމްޕެއިން ތެެރެއިން

މީގެ އިތުރުން މި އިންތިހާބުތެރޭ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވީ، އެމްޑީޕީގެ ޗެއަޕާސަން އިންތިހާބަކީ ރައީސް ނަޝީދާއި ގުޅުމެއްް ނެތް އިންތިހާބެއް ކަމަށް ގަބޫލުކުރުމަކީ "ވަހުމެއް" ކަމަށެވެ. ވިދާޅުވީ، އެ އިންތިހާބާއި ކުރިމަތިލީންސުރެ ކަނޑައެޅިގެން ރައީސް ނަޝީދާއި ދިމާލަށް އަންނަތަން ފެނިވަޑައިގަންނަވާ ކަމަށާއި، ނަޝީދު ޕާޓީގައި ހުރުމާއި، ނުހުރުން އެ އިންތިހާބުގެ ނަތީޖާއަށް ބުރަވާ ކަމަށެވެ.

އެހެނަސް، ފޯރިގަދަ އެތެރޭގެ އެ އިންތިހާބު ނިމިގެންދިޔައީ ބޮޑު ތަފާތަކުން ރައީސް ސޯލިހުގެ ކެންޑިޑޭޓު ފައްޔާޒު ކާމިޔާބު ހޯއްދަވައިގެން ނެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރައްވާ ގޮތުގައި އެއީ ރައީސް ސޯލިހަށް 2023 ގެ ޓިކެޓުދޭން އެމްޑީޕީން "ރުހުންދިން" ނުވަތަ "އާއެކޭ" ބުނި އިންތިހާބެވެ. ޗެއަ ކަމަށް ފައްޔާޒު ހުންނެވުމަކީ ރައީސް ނަޝީދަށް 2023 ގެ ރިޔާސީ ޓިކެޓު ލިބުމަށް އެޅުނު ހުރަހެކެވެ. އަދި ރައީސް ސޯލިހަށް ޓިކެޓު ލިބުމަށް ހުޅުވުނު ދޮރެކެވެ. 

އެ އިންތިހާބުން ބުނެދޭ އަނެއް ވާހަކައަކީ މިވަގުތު އެމްޑީޕީ ތެރެއިން ނަޝީދު ބާކީވަމުންދާ ކަމެވެ. އަދި ކޮންޓްރޯލް އޮތީ ޕާޓީގެ ޕީޖީ ލީޑަރުކަމުން ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި މިހާރުގެ ޕާޓީގެ ލީޑަރު ރައީސް ސޯލިހަށް ކަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް