
ވީއައިއޭ އަށް މި ދެބޯޓު ޖައްސާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެންނެވިއެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެނައި މި ދެ ބޯޓަކީ ވެސް އޭޓީއާރު 72 މަރުކާގެ ދެ ބޯޓެވެ. މިއިން ކޮންމެ ބޯޓަކުންވެސް 70 ފަސިންޖަރުން އެއްފަހަރާ އުފުލޭނެއެވެ. މިހާރު އެ ކުންފުނިން ގެންގުޅޭ ބޯޓުތަކާ އަޅާބަލާއިރު އަލަށް ގެނައި މި ބޯޓުތަކަކީ ތެޔޮ ހަރަދު ކުޑަ އަދި މަރާމާތުގެ ހަރަދުވެސް ކުޑަ ބޯޓުތަކެކެވެ.
މި ދެ ބޯޓުގެ އިތުރުން، އޭޓީއާރުގެ 42 ފަސިންޖަރުންގެ ޖާގައިގެ ބޯޓެއް މިމަހުގެ ތެރޭގައި ރާއްޖެ އަށް ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ދަނީ ކުރަމުންނެވެ.
އެ ބޯޓާ އެކު އެއާލައިނުގެ ފްލީޓް 13 ބޯޓަށް އިތުރުވާނެއެވެ. އަަލަށް ގެނައި ދެ ބޯޓާ އެކު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ އަދަދު މިހާރު ވަނީ 12 ބޯޓަށް އިތުރުވެފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ބޯޓު އޮތް އިރު، އޭގެ ތެރޭގައި ދެން ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.
މި މަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި މި ދެ ބޯޓު ބޭނުންކުރަން ފަށާއިރު މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އާ ކުރުމަށް ގެންނަ ބޯޓުތަކެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އައިލެންޑް އޭވިއޭޝަނުގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.