ads
ރައީސް ސޯލިހް ކެމްޕެއިން އިވެންޓެއްގައި
ރައިސް ނަޝީދު ޖެހި ސަކަރާތް ގަނޑުން އަދިވެސް އަރައިނުގަނެވޭ: ސޯލިހް
ނަޝީދުގެ ވެރިކަމުގައި "ޖެހި ސަކަރާތްގަނޑުން" އަދިވެސް އަރައިނުގަނެވޭ ކަމަށް ވިދާޅުވެ ރައީސް ސޯލިހު، ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ނަޝީދަށް އަމާޒުކޮށް ރައީސް ސޯލިހުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަނެއްކާވެސް މިއައީ ކެމްޕެއިން ފޯރީގައެވެ. ރައީސް ސޯލިހްގެ ރައްދު މި ފަހަރު އައީ އެ މަނިކުފާނު އައްޑޫ ސިޓީއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައެވެ.

އައްޑޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް، ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓެވި ދަތުރުފަތުރުގެ ނިޒާމްގެ ކަންތައްތައް ދިޔަގޮތް  ސިފަކުރެއްވީ ބޮޑު ސަކަރާތް ގަނޑެއްގެ ގޮތުގައެވެ.

"ދަތުރުފަތުރުގެ ނިޒާމު ފައްޓަން މަސައްކަތް ކުރެއްވި. ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅުރަށެއް ލިބޭ. ބަހަމުން ދިޔައީ. ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް. އޭގެން ސަލާމަތް ނުވެގެން އަޅުގަނޑުމެން މި އުޅެނީ. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑް ކުރެވޭ. އެއް ބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެއަށްވުރެ ބޮޑަށް. ކިހިނެތްތޯ މިކަން ކުރާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުގެ ނިޒާމު ހިންގުމަށް ފަޅު ރަށްތައް ލިބޭ ގޮތަށް އަމިއްލަ ފަރާތްތަކާއެކު ހިންގަން މަސައްކަތް ކުރި ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓް އޭރު އެންމެ ރަނގަޅަށް ނުހިނގި ނަމަވެސް ބައެއް ފަރާތްތަކުން ރަށްތައް ހޯދައި ތަރައްގީކުރިއެވެ. އަދި ބައެއް ފަރާތްތަކުން އެއްބަސްވުމާ އެއްގޮތަށް ޕްރޮޖެކްޓް ނުހިންގައިގެން އެއްބަސްވުން ބާތިލު ކުރުމުން ދައުލަތުން ބަދަލު ހޯދަން ދައުވާ ކުރިއެވެ. ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން ދައުވާ ކުރި ބައެއް މައްސަލަތައް އަދިވެސް ކޯޓު މަރުހަލާގައި އެބަހިނގައެވެ.

67%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް