ads
މޯޕާ އާއި ބައިވެރިން
އައްޑޫ ސިޓީގައި ޕްލާސްޓިކް ފުޅި އެއްކުރަނީ
މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އާއި އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ޕެޓް ފުޅި އެއްކުރުމަށް ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު، ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ރާއްޖޭގެ އެންމެ ދެކުނު ކަމަށް އައްޑޫ ސިޓީއަށް ފުޅާކޮށްފި އެވެ.

10 ޑިސެމްބަރު 2020ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި ބަންދުކުރާ ފަރާތް)، ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް ('ލައިފް' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ('ތާޒާ' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)އާ އެކު ވަރުގަދަ ޕާޓްނަޝިޕެއްގެ ދަށުންނެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައި ވަނީ، އެ ކުންފުނިތަކުގެ އަމިއްލަ އިސްނެގުމުގައި، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެޓް އަލުން ބޭނުންކުރުމުގެ މަގްސަދުގަ އެވެ.

މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް 263 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި – 100 އިންސައްތަ ރީސައިކަލް ކުރެވޭ އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި މި ފުޅިތައް – ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ. ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް މީގެ ގާތްގަނޑަކަށް ދެ އަހަރުދުވަސް ކުރިން ފެށުނީއްސުރެ މިހާތަނަށް 65،000 ކިލޯއަށް ވުރެ ގިނަ ޕެޓް ވަނީ އެއްކޮށްފަ އެވެ.

ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އައްޑޫ ސިޓީއަށް ފުޅާކުރުމަށް މޯޕާ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެއްބަސްވުމެއްގައި ސޮއިކޮށް، މޫދަށް އުކާލެވޭ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އަމާޒަށް ވާސިލުވުމަށް ވަނީ މަގު ފަހިކުރެވިފަ އެވެ. މި މަޝްރޫއުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އައްޑޫގައި ހިންގާ 50 އިންސައްތައަށް ވުރެ ގިނަ ތަންތަން ވަނީ ބައިވެރިވެފަ އެވެ.

"ރާއްޖޭގައި މޫދަށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ވިސްނުމާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދެއް އުފައްދައި ދެމެހެއްޓެނިވި މުސްތަގުބަލެއް ހާސިލްކުރުމަށް މިފަދަ ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް،" މޯޕާގެ ބާނީ އަދި ރައީސް ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.

ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އައްޑޫ ސިޓީއަށް ފުޅާކުރުމުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެނީ ކަލެކްޝަން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީންނެވެ. ޕެޓް ފުޅި އެއްކުރުމުގެ އިތުރުން، ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ތަކެތި ބޭނުންކުރުމާއި އުކާލުމާއި އެއްކުރުން އަދި ރީސައިކަލް ކުރުމާ ގުޅޭ އަހުލާގީ ބަދަލުތައް ގެނައުމަށް ވެސް މި ޕްރޮޖެކްޓްގެ ޒަރީއާއިން މަސައްކަތް ކުރެވި، ކުނި ވަކިކުރުމާއި މެނޭޖްކުރުމުގެ ސަބަބުން ލިބޭ ދުރު ރާސްތާގެ ފައިދާތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޖުތަމައުގެ ބައިވެރިވުން އޮންނަ ޕްރޮގްރާމްތައް ވެސް ހިންގޭނެ އެވެ.

"ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މޯޕާއާ އެކު އޮންނަ ގުޅުން އިތުރަށް ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް އެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޕްލާސްޓިކް ކުނީގެ މައްސަލައަށް ހަރުދަނާ ގޮތެއްގައި ހައްލު ހޯދުމަށްޓަކައި ޕެޓް ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދެއް ގާއިމްކުރުމުގެ ހުރިހާ މަގެއް އަޅުގަނޑުމެން ބަލަމުން ގެންދާނަން،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އެއްކުރާ ޕެޓް ފުޅިތައް – މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލްކުރެވޭ ޕްލާސްޓިކްގެ ބާވަތް – ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ. ކަމާ ގުޅުންހުރި އެކި ފަރާތްތަކުން އެކައްޗެއް ކިޔައިގެން ހިންގޭ މި ހަރަކާތަކީ، ޕްލާސްޓިކްއާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައު އަދި ދުނިޔެއަށް ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ކުންފުނިތަކާއި ރީޓެއިލަރުން އެއް ތަންވެ، އެއް ވިސްނުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ މަޝްރޫއެކެވެ.

"އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަކީ ހެޔޮ ގޮތުގައި ވިޔަފާރި ކުރުމަށް ޒަމާނުއްސުރެ މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް. މޯޕާ ފަދަ ފަރާތްތަކާ ގުޅިގެން ރަނގަޅު އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަޒުމަކީ ހެޔޮ ގޮތުގައި ވިޔަފާރި ހިންގުމަށް މަސައްކަތްކޮށް، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައުތަކާއި ތިމާވެށި ކުރިއެރުވުން،" އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރު ވިދާޅުވި އެވެ.

ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓަކީ މޯޕާ އިން އިސްނަގައިގެން، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އާއި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަދަ ބައިވެރިންގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މައިގަނޑު ތިން މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ. ދެވަނަ މަސައްކަތެއްގެ ގޮތުން އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް އަތޮޅުތަކަށް ފުޅާކޮށްފައި ވާއިރު، މިހާރު ތިން ރަށެއްގައި މި މަސައްކަތް އަންނަނީ ހިންގަމުންނެވެ. އެންމެ ފަހުން އިފްތިތާހުކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓަކީ، ޕްލާސްޓިކް ފުޅި އެއްކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓް ރަށްތައް ހިމެނުމަށް ފެށި މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް