
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ) އިން ބުނިގޮތުގައި، އެންޑީއާރްގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ގައުމީ ދަފްތަރުގައި ރެޖިސްޓްރީ ކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ އެހީއަށް އެދޭ ފަރާތްތަކަށް، ދަފްތަރުގައި ރަޖިސްޓްރީވާ މަހުން ފެށިގެން މާލީ އެހީ ޖަމާކޮށްދެމުން ދާނެ އެވެ.
މި ބަދަލާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 08:00 އިން 2:00 އާއި ދެމެދު އެންސްޕާގެ ހޮޓްލައިން 1402 އަކަށް ގުޅުމަށް އެ އެޖެންސީން އެދެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ، ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ރ. އަލިފުށީގައި މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
އެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދެމުންދާ މާލީއެހީތެރިކަމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި، އެ ބަދަލުތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ. އަދި ގާނޫނެއްގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއާއި، އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުން، އިފްތިތާހުކުރެވުނު ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި، ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް ވެސް، މި ދަފްތަރުން މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ދަފްތަރުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެންދާއިރު، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް ބަހާލެވި، ކޮންމެ މީހެއްގެ ހާލަތު ވަކިން ފާހަގަކުރެވޭނެ އެވެ. އަދި ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ހިދުމަތްތައްވެސް މި ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.