ads
މެކްޑޮނަލްޑްސް ޓްރެވަލް ޓީވީ އާ ގުޅިގެން އެމްއެމްޕީއާރުސީން ހާއްސަ ކެމްޕޭނެއް - ފޮޓޯ:ވިޒިޓް މޯލްޑިވްސް
މެކްޑޮނަލްޑްސް ޓްރެވަލް ޓީވީ ގައި ރާއްޖެ އިޝްތިހާރުކުރަނީ
ޖަރުމަނު ބަހުން ވާހަކަދައްކާ ފަރާތްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް މެކްޑޮނަލްޑްސް ޓްރެވަލް ޓީވީ އާ ގުޅިގެން އެމްއެމްޕީއާރުސީން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިނުގައި 35 މިލިއަން މީހުނަށް ފޯރާގޮތަށް 700 މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ޝިޕްރެކްތަކާއި ރޮމޭންޓިކް ތަޖުރިބާތަކާއި މަޝްހޫރު ބީޗްތަކުގެ އިތުރުން ރާއްޖެ އަށް ހާއްސަ 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' ހިމެނޭހެން ރާއްޖޭގެ ތަފާތު ތަޖުރިބާތައް މި އިޝްތިހާރުގައި ދައްކާލާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި އިޝްތިހާރު ގެންނާނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތައް ކަމަށްވާ ޖަރުމަނުވިލާތް، އޮސްޓްރިއާ އަދި ސްވިޒަލޭންޑްގެ ފަތުރުވެރިން އިސްކަންދޭ ކަންކަމާއި ތަޖުރިބާތަކަށް އިސްކަންދީގެން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖޭގެ މަންޒަރުތައް ފޯރާނެ ކަމުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު މާކެޓްތަކުގެ ތެރޭގައި ހިމެނޭ އެއް މާކެޓަކީ ޖަރުމަނު މާކެޓެވެ. ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަަލަށް 132،426 ފަތުރުވެރިން ޖަރުމަނު މާކެޓުން ރާއްޖެ އަށް އައިސްފައިވެއެވެ. އެއީ ރާއްޖެ އަށް ހަތަރު ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ. ޓީޔޫއައި އޮސްޓްރިއާ، ޓީޔޫއައި ޖާމަނީ، ކޮންޑޯ، އެފްޓީއައި އާއެކު ކުރިއަށް ގެންދިޔަ ކެމްޕެއިންތައް ހިމެނޭހެން މިދިޔަ އަހަރު ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެ އިތުރުން ވެސް، ޑޮޓްކޮމް އަރަބިއާ އާއެކު އައުޓްޑޯ ކެމްޕެއިންތައް ކުރިޔަށް ގެންދިޔަ ކަމަށާއި އައިއެމްއެމް ޖާމަނީ، އައިމެކްސް 2022 އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭގައި ވެސް މިދިޔަ އަހަރު އެ ކޯޕަރޭޝަނުން ބައިވެރިވި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެ ކޯޕަރޭޝަނުން ވޭތުވެދިޔަ އަހަރު އިންޑަސްޓްރީގެ ޕާޓްނަރުންނާ އެކު 22 މާކެޓެއްގައި 205 ހަރަކާތެއް ހިންގާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން އެކި ގައުމުތަކުގައި ރޯޑް ޝޯތައް ބާއްވާފައިވާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި ވެބިނާތަކާއި ފެމިލަރައިޒޭޝަން ދަތުރުތަކާ އެކު، އެތަކެއް މާކެޓިން ކެމްޕެއިންތަކެއް ވެސް ހިންގާފައިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް