
ސައުދީ މިވަނީ ފެހި ތަނަކަށް ބަދަލުވާން ފަށާފައެވެ. ބައެއް މީހުން ބުނާގޮތުން މިއީ ގިޔާމަތުގެ އަލާމާތެކެވެ. މިހެންކަމުން މިކަމުގެ ބައެއް 'ފެކްޓް ޗެކް' ކޮށްލާނަމަވެ.
ސައުދީގެ ސަހަރާތައް ފެހިވުން
ސައުދީ ފެހިވާން ފެށީ ކީއްވެ؟
ސައުދީ އަރަބިއްޔާގެ ހަނަފަސް ސަހަރާތައް ފެހިވާން ފެށީ އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާތަކަކަށް ފަހުއެވެ.
ސައުދީގެ ސަހަރާތަކުގައި ގިނައަދަދަކަށް ވިނަ ފަޅައި، ގަސްތައް ހެދެން ފަށާފައިވާއިރު، އެ ވިނިތައް ކެއުމަށް ޖަމަލާއި ބަކަރި ފަދަ ތަފާތު ޖަނަވާރުތައް ވަނީ ޖަމާވެފައެވެ.
ސައުދީ އަރަބިއްޔާގައި 2030 ވަނަ އަހަރު އައުމުގެ ކުރިން 1 ބިލިއަން ގަސް އިންދުމަށް އެ ގައުމުގެ ވަލީއަހުގު މުހައްމަދު ބިން ސަލްމާން ވަނީ ނިންމަވާފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ބައެއް ގަސް އިންދާފައިވީނަމަވެސް، ސައުދީގެ ސަހަރާތައް ފެހުވުމާއި މި ޕްރޮޖެކްޓާ ގުޅުމެއް ނެތެވެ.
ސައުދީ ފެހިވުން ގިޔާމަތުގެ އަލާމަތެއް ކަަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ؟
ސައުދީ ފެހިވުން ގިޔާމަތުގެ އަލާމަތެއް ކަމަށް ގިނަބަޔަކު ވާހަކަ ދައްކަމުން ގެންދަނީ އަބޫ ހުރައިރާ ރިވާކުރައްވާފައިވާ ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައި އެގޮތަށް އައިސްފައިވާތީއެވެ. ފޮޓޯ: އިސްލާމިކް އިންފޮމޭޝަން
މަތީގައިވާ ޕޯސްޓަރުގައިވާ ހަދީސް ބަސްފުޅުގައިވާގޮތަށް ސައުދީ މިހާރު ވަނީ ފެހިވާން ފަށާފައެވެ. އަދި ފެހިވާން ފެށުމުން އެ ގައުމުގައި ކޯރުތައް ވެސް އުފެދޭނެކަމަށް ބެލެވެއެވެ. ސަބަބަކީ އެތައް ހާސް އަހަރު ދުވަސް ވަންދެން ސައުދީއަށް ވެހުނު ވާރެގެ ފެންތައް ވަނީ ބިމުގެ އަޑީގައި 500 ބިއުބިކް މީޓަރުގެ ސަރަހައްދެއްގައި ވަޅުލެވިފައެވެ.
ސައިންސުވެރިން ބުނާގޮތުން ސައުދީ ކުރިން ބޯޖަންގަންޔެއްގެ ގޮތުގައި އޮތް ނަމަވެސް، އެތަން ހަނަފަސް ސަހަރާއަކަށް ވާންފެށީ ވާރޭވެހުން ހުއްޓާލުމުންނެވެ. ނަމަވެސް އަލުން ސައުދީއަށް ބޯކޮށް ވާރޭވެހެން ވަނީ ފަށާފައެވެ.
ނާސާއިން ވަނީ ސައުދީ އަރަބިއްޔާއަކީ މީގެ 20 މިލިއަން އަހަރު ކުރިން ވެސް ވަރަށް ފެހިކޮށް އޮތްތަނެއްކަމަށް ބުނެފައެވެ. އަދި އަލުން ސައުދީގެ ސަހަރާތައް ފެހިވަމުން އަންތައް ނާސާއިން ވެސް އަންނަނީ 1987 ވަނަ އަހަރުން ފެށިގެން ބަރާބަރަށް މޮނީޓާކުރަމުންނެވެ.
ނާސާއިން އެކި އަހަރު މަތިން ނަގާފައިވާ ސައުދީގެ ސަހަރާތަކުގެ ފޮޓޯ
ސައުދީގެ ސަހަރާތަކުގެ ދަށުގައި ބޮޑެތި ފެން ކޯރުތައް ހުރިކަން ވެސް ވަނީ ސައިންސުވެރިން ހޯދާފައެވެ. މި ހޯދުމާއެކު ސައުދީ ސަރުކާރުން ވެސް ވަނީ ސަހަރާގެ އަޑީގައި ހުރި ފެން ދަނޑުވެރިކަމަށް ބޭނުންކުރުމަށް ނެގުމަށް ހާއްސަ ޕްރޮޖެކްޓެއް ވެސް ފަށާފައެވެ.