
އެއަޕޯޓުތެރެއިން އަތުލައިގެން 46 ކިލޯގެ ޑްރަގް "ގެއްލިއްޖެ" ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުންނާއި، ސާވެލައިންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލައިފާސްކޮށް، އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމަށްފަހު، މަސްތުވާތަކެއްޗާއިއެކު އެކަމުގައި ޝާމިލުވާ ފަސިންޖަރުވެސް ވަގުތުން ފުލުހުންނާއި ހަވާލުކުރާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ، އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ބަލާ ފާސްކުރާ ކޮންމެ ފަހަރަކީ މަސްތުވާތަކެތީގެ ގާނޫނާއި ގަވާއިދާއި ހިލާފަށް ތަކެތި ފެންނަ ފަހަރެއްވެސް ނޫންކަމަށެވެ. އެކަމަކު، ކަސްޓަމްސް އަށް ލިބޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަލައިފާސްކުރުމުގެ ކަންކަން ކޮންމެ ދުވަހަކުވެސް ވަރުބަލިކަމެއްނެތި ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެމަސަކަތް ކުރަމުންދާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ނިމުނު 2022 ވަނަ އަހަރަކީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތެކެތި ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނައިން އަތުލައިގަނެވުނު އަހަރެވެ. އެގޮތުން ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ވެސް އެތައް ފަހަރެއްގެ މަތިން ކަސްޓަމްސްއިން ވަނީ އެތަކެތި އަތުލައިގަނެ ފުލުހުންނާއި ހަވާލުކޮށްފަ އެވެ. އޭގެތެރޭގައި މީގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައި ނުވާ މަސްތުވާއެއްޗެއް ޕޯސްޓް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށްވެސް ކަަސްޓަމްސްއިން ވަނީ އަތުލައި ގަނެ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު 46 ކިލޯގެ މަސްތުވާތަކެތި "ގެއްލުނު" ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދަނީ، މިމަހުގެ އަށްވަނަ ދުވަހު ރާއްޖެއައި ޕާކިސްތާން މީހެއްގެ ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރިއިރު އެ ލަގެޖު ފުލުހުންނަށް ހޯދިފައި ނުވާތީ އެވެ.
އެކަމާއި ގުޅިގެން މިއަދު ފުލުހުން ބުނީ، ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އޭނާ ފުލުހުންނާއި ހަވާލުކުރީ ކަސްޓަމްސް ނަމަވެސް އެދުވަހު އޭނާގެ ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގުތެރޭ އޭނާއާއި ސުވާލުކުރުމުން، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިކަމަށާއި، ލަގެޖު ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާތަނަށް ވީއައިއޭއިން ލިބިފައިވާ ސީސީޓީވީ ފުޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، އެއަޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީ ކެމެރާވެސް ނެތްކަން ފާހަގަކުރެވިިފައިވާ ކަމަށެވެ.
ލަގެޖު އެއާޕޯޓުން "ގެއްލުނު" މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ރިޔާޒް ވިދާޅުވީ، އެއީ އެމީހަކު ހިތައް އެރިގޮތަކަށް ކަންކަން ކުރެވޭ ގޮތައް އިންތިޒާމްވެފަ އޮތުމުން ދިމާވަމުން އަންނަ ކަންކަން ކަމަށާއި، މިމައްސަލަ މަޖިލިހަށް ހުށަހަޅައި، ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.