ads
ރައީސް ޔާމީން
ރައީސް ޔާމީން ޖަލުގައި އެއްމަސް
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދެ ކުށެއް ސާބިތުވެ ޖަލަށްލީތާ މިއަދަށް ބަރާބަރު އެއް މަސް ދުވަސްވީއެވެ. ރައީސް ޔާމީން ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނީ، ހަތަރު އަހަރުގެ ހުކުމަކާއި ހަތް އަހަރުގެ ހުކުމަކާއެކު ޖުމްލަ 11 އަހަރުގެ ހުކުމެކެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ، ވ. އާރަށް އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ އިއްވި ހުކުމެކެވެ.
ޔާމީންގެ ހުކުމަށް މިއަދު އެއް މަސް ދުވަސްވީއިރު، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޔާމީންގެ ލީގަލް ޓީމުން ބުނި ނަމަވެސް އަދި އެ މައްސަލަ ހައިކޯޓަކަށް ހުށައެއް ނާޅައެވެ. އެހެންނަމަވެސް މި ހަފްތާގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޔާމީންގެ ލީގަލް ޓީމުންވަނީ ބުނެފައެވެ.

އެއް މަސް ދުވަހު ޖަލުގައި ޔާމީން ހޭދަކުރައްވާފައިވާއިރު، އާއްމުންނަށް އެ މަނިކުފާނާ ޖަލު ހުކުމުގެ ފަހުން އަދި ބައްދަލު ނުވެއެވެ. ޑިސެމްބަރު މަހު 25 ވަނަ ދުވަހު ޔާމީން ޖަލަށްލީ ފަހުން އަދި އެއްވެސް ކަމަކު އެ މަނިކުފާނު ޖަލުން ބޭރަށް ނުކުންވިކަމެއް އާއްމުކޮށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް މި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުގައި އޮތް އެ މަނިކުފާނަށް ދައުވާ ލިބޭ އެހެން މައްސަލައެއްގައި އެމަނިކުފާނު އޮން ލައިންކޮށް ޝަރީއަތެއްގައި ބައިވެރިވިއެވެ. އަދި މިދިޔަ ހަފްތާގައި ޕީޕީއެމް / ޕީއެންސީގެ ލީޑަޝިޕުން އެ މަނިކުފާނާ މާފުށީ ޖަލުގައި ބައްދަލު ކުރިއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި ނަމަވެސް ދައުލަތުން އެ މައްސަލައިގައި އެދިފައިވަނީ 19 އަހަރުގެ ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމަކަށެވެ. ދައުލަތުން އެދުނު ޖަލު ހުކުމް އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ނުކުރި ނަމަވެސް ޖޫރިމަނާ ހުކުމް އައީ ދައުލަތުން އެދުނު ގޮތަށެވެ. އެއީ ފަސް މިލިއަން ޑޮލަރެވެ.

ޔާމީން ޖަލަށްލުމާއެކު އެ މަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ކޮންމެ ދުވަހަކުހެން އެ މަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބަޔަކު ހައްޔަރުވެސް ކުރެއެވެ. އެހެންނަމަވެސް އާއްމުކޮށް ހަމަ ޖެހިގެން އަންނަ ދުވަހު ހައްޔަރު ކުރާ މީހުން ދޫކޮށްލައެވެ.

މި ހަފްތާ ތެރޭގައި ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ލީގަލް ޓީމުން ބުނެފައިވާއިރު، އެ މަނިކުފާނުގެ ސަޕޯޓަރުން އިންތިޒާރު ކުރަމުންދަނީ އެ މަނިކުފާނު މިނިވަންވާނެ ވަގުތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް