
އެސްޓީއޯއިން އެކަން ކުރުމަށް ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ އެ ކުންފުނިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ވަނީ ކުންފުނީގެ ބޯޑަށް ހުށަހެޅުނު ކައްކާ ލޮނު އުފެއްދުމާ ގުޅޭ ދިރާސާ ބަލައިގަނެ، އެ ދާއިރާއިން ކުރިޔަށް ދެވެން ހުރި ފުރުސަތުތައް ބެލުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯގެ ބޯޑުން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ތެރޭގައި،
- ކާޑެއްދޫ އާއި ކައްދޫ އެއާޕޯޓުގެ ޖެޓް ފިއުލް ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުން
- ތިލަފުށިން ބަނދަރެއް ހޯދުން
- ހުޅުމާލޭގައި ކޭޝިއަލެސް ފިހާރައެއް ތައާރަފުކުރުން
އެސްޓީއޯގެ އަމާޒަކީ ރާއްޖެއަށް އާ ކަންކަން ތައާރަފުކޮށް އާ ކަންކަމަށް އިންވެސްޓު ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާ ކޭޝިއަލެސް ފިހާރަ، ހުޅުމާލޭގައި ހުޅުވުމަށެވެ. އެސްޓީއޯއިން ބުނެފައިވަނީ މި ފިހާރަ އަންނަ މަހު ފަހު ކޮޅު ހުޅުވޭނެ ކަމަށެވެ.
އެސްޓީއޯ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ފާހަގަކުރެވިފައިވަނީ ވޭތުވެދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރު ކަމުގައެވެ. ނިމިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނު ފުރަތަމަ ފަހަރެވެ.
ފާއިތުވެދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރު ލިބުނު މިންވަރަށް ވުރެ ވަނީ އިތުރުވެފައެވެ.
- 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 486 މިލިއަން ރުފިޔާ
- ނިމިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވޭ
- މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 52 އިންސައްތައިގެ ކުރިއެރުމެއް
އެސްޓީއޯ އަކީ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ތެލާއި ބޭހާއި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކާ ގުޅުންހުރި ވިޔަފާރިތައް ކުރެއެވެ.