ads
އަންހެން ގައުމީ ޓީމުގެ ބައެއ އޮފިޝަލުން
ސާފް އަންހެން މުބާރާތުގައި މި ފަހަރުވެސް ރާއްޖެ ބައިވެރިނުވޭ
ސާފް 20 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގައި މި ފަހަރުވެސް ރާއްޖެ ބައިވެރިނުވެއެވެ.

ސާފް 20 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތް ފެށޭނީ ހުކުރު ދުވަހު ބަންގްލަދޭޝްގައެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ބައިވެރިނުވާއިރު، މިދިޔަ އަހަރު އޮތް ސާފް 18 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގައި އަދި އޭގެ ކުރީ އަހަރު އޮތް 19 އަހަރުން ދަށުގެ އަންހެން މުބާރާތުގައިވެސް ރާއްޖޭން ބައިވެރިއެއް ނުވެއެވެ.

ޓުވާޑަސް ފިއުޗަރގެ ނަމުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ނަމުގައި އެފްއޭމުން އެކިއެކި ކެމްޕެއިންތައް ކުރަމުން ދިޔަނަމަވެސް ވިދިވިގެން ތިން އަހަރު ސާފް ޒުވާން އަންހެން މުބާރާތްތަކުގައި ރާއްޖޭން ބައިވެރިނުވި ސަބަބެއް އެފްއޭއެމަކުން ހާމައެއް ނުކުރެއެވެ.

ޒުވާން އުމުރުފުރާތަކުގެ އަންހެން ޓީމު ސާފްގައި ބައިވެރިނުވިޔަސް ސީނިއާ އަންހެން ޓީމުން އަންނަނީ އެކި މުބާރާތްތަކުގައި ކުޅެމުންނެވެ. އެހެންނަމަވެސް ސީނިއާ އަންހެން ޓީމަށް މާ އެދެވޭ ނަތީޖާއެއް ނުހޯދެއެވެ.

އަންހެން ގައުމީ ޓީމުން އެންމެ އަވަހަށް ކުރިމަތިލާން އޮތް ބޮޑު އެއް މުބާރާތަކީ އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާ ކޮލިފައިންއެވެ. ކޮލިފައިންގައި ރާއްޖެވަނީ ވަރުގަދަ ގްރޫޕެއްގައި ލައްވާލާފައެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝްއެވެ. ކޮލިފައިން މެޗުތައް ކުޅޭނީ އަންނަ އޭޕްރީލް މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް