އެޗްޑީސީން ބުނި ގޮތުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރި އާ ގުޅުންހުރި އެންމެފަހުގެ މައުލޫމާތު ލިބޭނެ ކަމުގައެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުގެ ވައުދާ އެއްގޮތަށް ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީކޮށް އާންމުންނަށް ހުޅުވާލުމަށް އެޗްޑީސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ތައާރަފުކުރެވުނު މި އެޕްލިކޭޝަނުގެ ބޭނުމަކީ ކުޑަގިރީގެ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ދިނުމަށް މަގުފަހިކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގެ ބުކިންގްއަށް އަދި ހުޅުވާލެވިފައި ނުވި ނަމަވެސް އެޕްލިކޭޝަން ޑައުންލޯޑްކޮށް، ރަޖިސްޓްރީކޮށްގެން ކުޑަގިރި އާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ނޮޓިފިކޭޝަން އޮންކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުންވަނީ މި މަހުގެ 11 ވަނަ ދުވަހު ކުޑަގިރި ރަސްމީކޮށް ހުޅުވާލާނެ ކަމަށް ބުނެފައެވެ.
ކުޑަގިރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ރަށަށް ދިއުމަށް ބޭނުންވާ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް މީގެ ކުރިން އެ ކޯޕަރޭޝަނުން ވަނީ ބުނެފައެެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި މާލެ ނުވަތަ ހުޅުމާލެ އިން ކަމަށް ވީނަމަވެސް ކުޑަގިރިއަށް ދެވޭނެ އިންތިޒާމު އެ ކޯޕަރޭޝަނުން ފަހިކޮށްދޭނެ ކަމުގައެވެ.
މާލެ އާ މާ ދުރު ނޫން ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ތަރައްގީ ކުރެވުނު މި ރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނޭހެން ރަށް ވަނީ ތައްޔާރުކޮށްފައެވެ. އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުން ފެށިގެން އިތުރު އެހެން ވަސީލަތްތަކާ އެކު، ކުޑަގިރި ވާނީ މީގެ ކުރިން ދަތުރު ދިޔަ ރަށްތަކާ ތަފާތު ރަށަކަށެވެ.