ads
ފަތުރުވެރިއެއް ރިސޯޓުގެ އަތިރިމަތީގައި މަޑުކޮށްލައިގެން: ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކު، ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގާ - ފޮޓޯ:ވައްކަރު މޯލްޑިވްސް
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 772 މިލިއަން ރުފިޔާ
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 772.8 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،

  • މިދިޔަ އަހަރު ގްރީން ފަންޑަށް 972.9 މިލިއަން ރުފިޔާ ޖަމާވެފައިވޭ
  • ފަންޑުގެ ދަށުން އެކި މަޝްރޫއުތައް ހިންގުމަށް 908.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
  • އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާވެފައިވަނީ މާޗް މަހު. އެ މަހު 105.7 މިލިއަން ރުފިޔާ ވަނީ ލިބިފައި

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައި ވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގްރީން ފަންޑަށް 75.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކ. އަތޮޅުން 26.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ އެ އަތޮޅުގެ ރިސޯޓުތަކުން ލިބުނު 24.5 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބިފައިވާ 1.6 މިލިއަން ރުފިޔާއެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެ އަތޮޅުގެ ރިސޯޓުތަކުން އެކަނި 7.7 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ.

ޑިސެމްބަރު މަހު އދ. އަތޮޅުގެ ރިސޯޓުތަކުންނާއި ހޮޓާ އަދި ގެސްޓްހައުސްތަކުން 6.6 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. މިއީ ތިންވަނަ އަށް އެންމެ ގިނަ އަދަދަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބުނު އަތޮޅެވެ.

ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމުގެ ގޮތުން ނަގާ މި ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ގްރީން ޓެކްސް ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ރިސޯޓުތަކާއި ސަފާރީގެ އިތުރުން ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކު، ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގައެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް ނަގަނީ ތިން ޑޮލަރެވެ.

ރަށްރަށުގެ ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ހަރަދުކުރަމުންދަނީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީންނެވެ. އެގޮތުން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް