ads
މި އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ - ފޮޓޯ:ރައީސް އޮފީސް
ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ރައީސް ސޯލިހުގެ އުންމީދެއް
ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ އުންމީދުތައް ހާމަކުރައްވައިފިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އައި ފާގަތި އަހަރެއް ކަމަށެވެ. ވޭތުވެދިޔަ އަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަމުގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަހަރު ނިމިގެން ދިޔައީ އެ އަމާޒަށް ވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެން ކަމަށެވެ.

މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުުރުވެރިން ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ހުސްވި ޖެނުއަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެއީ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް ކަމުގައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 16،758 އެނދު އިތުރު ކުރެވިއްޖެ ކަމަށެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫއު ފެށިގެން އަންނަނީ އައްޑޫ އާ ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އެއާޕޯޓުތައް ނިމެމުންދާއިރު، އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއާއި އައްޑޫގައި ތަރައްގީ ކުރެވޭ ފަސް ރިސޯޓުގެ އިތުރުން ރާއްޖޭގެ އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއާޕޯޓާ ގުޅިފައިވާ ރިސޯޓުތައް ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި އެސްއެމްއީ ބޭންކުން ތައްޔާރުވަމުން ދާނީ އެ ދެ ސަރަހައްދުގައި ކުދި ވިޔަފާރިވެރިން އުފައްދާ ކޮޅަށްޖެހުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި ފަހި ފުރުސަތު ލިއްބައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ދަނޑުވެރިޔާ ކުރި މަސައްކަތް، އާމްދަނީއަށް ބަދަލު ކުރުމަކީ މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގްރޯނެޓް ކުންފުންޏަކީ އެ ކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކޮށި މަގެއް ކަމަށެވެ. ރައީސް ވިދާޅުވީ ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން އެގްރޯނެޓްގެ ނެޓްވޯކާ ގުޅިފައިވާ ކަމަށެވެ. އެގްރޯނެޓާ އެކު ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތުގައި 485 ދަނޑުވެރިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ފޯރުކޮށްދެވިއްޖެ ކަމަށާއި މި އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެ މަސައްކަތް ފަށާ، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް