ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށާއި، ބިމުގެ ދަތިކަމާއި، ކުލި ބޮޑުވެ ބިމުގެ އަގު އުފުލުމަށް ހައްލެއް ހޯދައިދިނުމަށް ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މިމަޝްރޫއުގެ ތެރެއިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް މިހާރު އޮތީ ހުޅުވާލާފަ އެވެ.
މި ބިންތަށް ބޭރުގެ ފަރާތްތަކާއި ކުންފުނިތަކަށް 99 އަހަަރަށް ކުއްޔަށް ދެވޭގޮތަށް އޮތް އުސޫލާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމާއި ގުޅިގެން މިއަދު އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، އަލަށް ހިއްކާ ބިމުގެ 90 އިންސައްތަ ހާއްސަކުރާނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވަނީ މަދު ބިންތަކަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކަމަށެވެ.
އެކަމަކު ބޭރުގެ ވިޔަފާރިތައްވެސް އަމަލުކުރަންޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ކަމުން، ބޭރުގެ ފަރާތްތައް ބިން ގަތުމަކުން ދިވެހި ވިޔަފާރިތަކަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އެޗްޑީސީން މިއަދު ވަނީ ދީފައެވެ.
އެޗްޑީސީން މިއަދު ބުނިގޮތުގައި އެ މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި ދިވެހި ވިޔަފާރީތަކަށް ފަހި ފުރުސަތުތަކެއް ހޯދާދިނުމެވެ.
އަދި އެޗްޑީސީގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވަނީ ދިވެހި ވިޔަފާރިތަކަށް ލުއި ގޮތްތައް ހޯދައިދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ ކޯޕަރޭޝަނުން ގަބޫލުކުރަނީ އެ ބަދަލަކީ ރަައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަންގަޅުވެ، ހެޔޮ އަގުގައި މުދަލާއި ހިދުމަތް ލިބިގެންދާނެ ކަމެއްގެ ގޮތުގަ އެވެ.
ބިން ބޭރުގެ ފަރާތްތަކަށް ވިއްކާ މައްސަލާގައި އެންމެ ބޮޑު ކަންބޮޑުވުންތަކެއް ހުރީ ބިމުގެ ދަތިކަން މާލޭ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް ނުހަނު ބޮޑަށް ކުރިމަތިވެފައި އޮތްއިރު، ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ނުއަގުގައި ވިއްކުމަކީ ދިވެހި ވިޔަފާރި ވެރިންނަށް އަދި އިގްތިިިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ބުނެއެވެ.
މިކަމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނާގޮތުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ބިދޭސީންނާއި ވާދަކުރަންޖެހޭފަދަ އުސޫލެއް އެކުލަވާލައި، ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށް ބިން ގަނެވޭގޮތް ހެދުމަކީ ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ކުރިމަގުގައި ދިވެހިންގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރުގެ ކުންފުނިތަކުގެ އަތްމައްޗަށް ގޮސްދާނެ ކަމެކެވެ.