ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ބޭރު މީހުނަށް ބިން ވިއްކާކަމަށް ބުނަނީ އޮޅުވާލަން: ސަރުކާރު
ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ނުވިއްކާނެކަމަށާއި ބޭރު މީހުނަށް ބިން ވިއްކާކަމަށް ބުނެ ދައްކަމުން ގެންދަނީ އޮޅުވާލުމުގެ ވާހަކަތަކެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ސަރުކާރުން ބިން ވިއްކުމަށް އުޅޭކަމަށް ބުނެ ދައްކަނީ ގާނޫނު އަސާސީއާއިވެސް ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

މިއުވާން ވިދާޅުވީ ރާއްޖޭގެ ބިމުން އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ.

މިއުވާން ވިދާޅުވީ ތިލަފުށިން ދިވެހިންނަށް ބިން ވިއްކުމަށް އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވެސް، ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެކަމަށް ސާފުކޮށް ބުނެފައިވާކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ތިލަފުށިން ބިން ދެނީ ކުއްޔަށްކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ރަށްތަށް 99 އަހަރަށް 50 އަހަރަށް އަދި 49 އަހަރަށް ކުއްޔަށް ނަގައިގެންވެސް ބޭރުގެ ފަރާތްތަކުން ރިސޯޓްތައް ހިންގަމުން ގެންދާކަމަށެވެ. އަދި ތިލަފުށިންވެސް ބޭރުގެ އިންވެސްޓަރުންނަށް ބިން ދެނީ އެއުސޫލުން ކުއްޔަށްކަމަށް މިއުވާންވަނީ ވިދާޅުވެފައެވެ.

މިއުވާން ސިފަކުރެއްވީ "ބޭރުގެ ފަރާތްތަކަށް ތިލަފުށިން ބިން ވިއްކާކަމަށް ދައްކާ ވާހަކަޔަކީ އިދިކޮޅު ފަރާތްތަކުން ދައްކާ އޮޅުވާލުމުގެ ވާހަކަތަކެއް" ކަމަށެވެ.

ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށާއި، ބިމުގެ ދަތިކަމާއި، ކުލި ބޮޑުވެ ބިމުގެ އަގު އުފުލުމަށް ހައްލެއް ހޯދައިދިނުމަށް ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ބިންތަށް ބޭރުގެ ފަރާތްތަކާއި ކުންފުނިތަކަށް 99 އަހަަރަށް ކުއްޔަށް ދެވޭގޮތަށް އޮތް އުސޫލާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމާއި ގުޅިގެން އިއްޔެ އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، އަލަށް ހިއްކާ ބިމުގެ 90 އިންސައްތަ ހާއްސަކުރާނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވަނީ މަދު ބިންތަކެއްކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް