ads
ޤާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު
ޖޭޕީން ކޯލިޝަންގައި އޮންނާކަށްވެސް ނޯންނާކަށްވެސް އިންޓްރަސްޓެއް ނެތް: އިލްހާމް
ސަރުކާރު ކޯލިޝަންގައި އޮންނާކަށްވެސް އަދި ނޯންނަންވެސް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިފަދައިން ވިދާޅުވެފައިވަނީ ޖޭޕީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ދެއްކެވި ވާހަކައިގައި އިލްހާމް ވަނީ އެމްޑީޕީ އަށާއި، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. 

އިލްހާމް ވިދާޅުވީ، އޭނާ އަކީ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މީހެއް ނޫންކަމަށެވެ. އަދި މިސަރުކާރުން ޖުޑިޝަރީއާއި ދޭތެރޭގައި އަމަލުކުރަމުން ދަނީ ހިތުހުރި ގޮތަކަށްކަމަށް ވިދާޅުވި އެވެ. އިލްހާމް ވިދާޅުވީ ޖޭޕީގެ މިސްރާބު ހުރި 2023 ގެ ރިޔާސީ އިންތިހާބަށް ކަމަށެވެ. 

މީގެ އިތުރުން ލާމަރުކާޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ދޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު އިލްހާމް ވިދާޅުވީ ބާރުތައް ކައުންސިލްތަކަށް ނުދޭނެކަމަށެވެ. 

"ބާރެއްވެސް ނުދޭނެ. އަދިވެސް ނުދޭނެ. ދެންވެސް ނުދޭނެ. މާދަމާވެސް ނުދޭނެ. އަންނަން އޮތް ދުވަހުވެސް ނުދޭނެ."

އިބާރާތްތައް ރީތި ކަމަށްވިދާޅުވެ ވާހަކަ ދައްކަވަމުން އިލްހާމް ވަނީ ސަރުކާރުން ކައުންސިލްތަކަށް ބާރު ނުދޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މީގެ އިތުރުން އިލްހާމް ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއަށް ނުހަނު ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. 

"ރަށްވެހި ފަތިސް! ކޮންކަމެއް ކުރަނީ؟... އަނގައަށް އެޅެނީ؟... ރަށްވެހި ފަތިސް ވަރަށް ރީތި އިބާރާތް. ކޮންކަމެއް ކުރަނީ؟"

މީގެ އިތުރުން ކޯލިޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ޖޭޕީން ކޯލިޝަންގައި އޮންނާކަށްވެސް އަދި ނޯންނަންވެސް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށެވެ. އަދި ކޯލިޝަން ކިޔާކަމަށްވާނަމަ އެގޮތުގައި ދެމިއޮތުމަށް ބޭނުންވާކަމަށް އިލްހާމް ވިދާޅުވި އެވެ. 

"ދެން ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް އަޅުގަނޑުމެން ކޯލިޝަން ގެންގުޅޭތީ ވަރަށް އުފާވޭ. ވަރަށް ބޮޑަށް އުފާވޭ. އެވަރުގެ އުފާވެރިކަމެއް ދުނިޔެމަތީގަ ނޯންނާނެ. އެހެންވީމަ ވަރަށް ބޮޑަށް އުފާވޭ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެން ކޯލިޝަންގެ ތެރޭގަ ގެންގުޅުއްވާތީ. އަނެއްކާ އަޅުގަނޑުމެން، ޑެޕިއުޓީ މިނިސްޓަރުކަމާ ސްޓޭޓް މިނިސްޓަރުކަން އަދި މިނިސްޓަރުންކޮޅެއް ލިބުނު. އޭގެ ފަހުން ހަބަރެއް ވެސް ނުވޭ! ހިނިވެސް އާދޭ މިވާހަކަ ދައްކަން. އެހެންވީމާ ކޯލިޝަންގަ މިތިބީ." މަލާމަތުގެ ރާގަކަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ މާޒީއަށް ބެލުމުން ކޯލިޝަނުން ޕާޓީއެއް ވަކިކުރުން އެހާ ރަނގަޅު ނޫންކަން ފެންނާނެ ކަމަށެވެ. އަދި އިލްހާމް ވިދާޅުވީ "ކަރުގައި ހިފަހައްޓައިގެން" ތިބުމުން ބޭނުންވާ އެއްޗެހި ނުކިޔޭ ކަމަށެވެ. 

ކޯލިޝަންގައި ތިބުމަށް އަދި ނުތިބުމަށްވެސް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޤާސިމްގެ އެޑްވައިޒަރު އިލްހާމް ވިދާޅުވި އިރު، ނަން ނުޖެހުމަށް ޝަރުތުކޮށް ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ، އިލްހާމް ދެއްކެވި ވާހަކަތަކަކީ ޕާޓީގެ ނިންމުން ނޫންކަމަށެވެ. އަދި އެއީ ކައުންސިލަށް އެނގިގެން ދެއްކި ވާހަކަތަކެއް ނޫންކަމަށާއި، އެއީ އިލްހާމްގެ އަމިއްލަ ވާހަކަތަކެއްކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްގެ މެމްބަރު ވަނީ އިލްހާމްގެ ވާހަކަތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. 

50%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް