
ސާފިން ގައުމީ ޓީމަށް އިތުރުކުރި ދެ ޖާގަ އަށް ސާފަރުން ހޮވުމަށް ބޭއްވި ސެލެކްޝަން އޮތީ ގދ. ގައްދޫގައެވެ.
ގދ. ގައްދޫގައި ސާފިން ގައުމީ ޓީމްގެ ސެލެކްޝަން ޓްރަޔަލްސް ބޭއްވީ މިދިޔަ އަހަރުގެ ގައުމީ ސާފް ލީގުން ގައުމީ ޓީމަށް ހޮވުނު ހަތަރު ސާފަރުން ނުހިމަނައެވެ.
ސެލެކްޝަނުން ކުރި ހޯދި ސްމައިލީއާ އިބޫގެ އިތުރުން ގައުމީ ޓީމްގައި ހިމެނެނީ އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު އަދި ހޫދު އަހުމަދު އެވެ.
ގައުމީ ޓީމުން ސްމައިލީ ޖާގައެއް ކަށަވަރުވީ ފައިނަލް ހީޓު 18.66 ގެ ސްކޯ އަކުންނެވެ. ސްމައިލީ ވަނީ 9.83 ގެ ސްކޯއަކާއި 8.33ގެ ސްކޯއެއް ދެ ރާޅުގައި ސްކޯކޮށްފަ އެވެ. ދެ ވަނަ އަށް ގޮސް ގައުމީ ޓީމްގެ ފަހު ޖާގަ ހޯދި އިބޫ އަށް ހޯދުނީ 17.16 ގެ ސްކޯ އެކެވެ. ފައިނަލުގައި ސްމައިލީ އާއި އިބޫ ހޯދި ސްކޯ އަކީ ސެލެކްޝަން ޓްރަޔަލްސްގެ އެންމެ މަތީ ދެ ސްކޯ އެވެ.
ގައުމީ ޓީމުން އަލުން ޖާގަ ހޯދި ސްމައިލީ އާއި އިބޫއަކީ 2019 ގައި ވެސް ގައުމީ ޓީމްގައި ހިމެނި ރާއްޖެ ތަމްސީލުކުރި ދެ އެތުލީޓުންނެވެ. އެ އަހަރު އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް މި ދެ ބައިވެރިން ވާދަކުރި އެވެ. އޭޝިއާގެ ގަދަ ހަތަރު ބޯޑަރުން ވާދަކުރި މި ފައިނަލުން އިބޫ ތިން ވަނަ ލިބުނު އިރު ސްމައިލީ އަށް ލިބުނީ ހަތަރު ވަނަ އެވެ.