ads
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު----
މިސްކިތްތަކުގައި ކުށްކުރުން މަދުވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން: މޭޔަރު
މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ އަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވުމާއި ގުޅިގެން މީޑިއާތަކަށް މިއަދު ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.

މުއިއްޒު ވިދާޅުވީ މިސްކިތްތަކުގައި ހިނގާ އެފަދަ މައްސަލަތައް މަދުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބަލަހައްޓަމުންދާތީ ކަމަށެވެ.

”މިފަދަ މައްސަލަތައް މަދުވެފައިވަނީ ސިޓީ ކައުންސިލުން ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް 24 ގަޑިއިރު މޮނީޓަރ ކުރާތީ“ މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، މާލެ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓްބިއުލަރީގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާ އެފަދަ މައްސަލަތައް ހައްލުކުރަމުންދާކަންވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގެ މަންޒަރުތައް ވަގުތުން ބެލޭނެ ފަދައިން މުޅި މާލެސިޓީ، ސީސީޓީވީ ކެމެރާތަކަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިސްކިތް ތަކާއި، ޕާކު ތަކުގައި ކެމެރާ ހަރުކޮށް އެތަންތަން ބެލެހެއްޓުމަށް ގާއިމްކުރި މޮނިޓަރިން ނިޒާމް އެކައުންސިލުން އިފްތިތާހް ކުރީ މިދިޔަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު އެވެ.

your imageމާލެ ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސެންޓަރު ގައި މުވައްޒަފުން ޑިއުޓީ ކުރަނީ---ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އެ ކައުންސިލުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކައުންސިލުން ވަނީ މާލޭގެ ދެކުނު ބަނދަރުގައި، މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަންތަކާއި ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ. ސިޓީ ކައުންސިލުން ބުނީ އެ ކެމެރާތައް މެދުވެރިކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން 24 ގަޑިއިރު އެ ކައުންސިލުން ބަލަހައްޓަމުންދާ ކަމަށެވެ.

ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ، ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެއް އަމާޒެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް