ads
ރާއްޖޭގެ ރިސޯޓެއް: އާމްދަނީން ނެގޭ ޓެކުހުގައި ރިސޯޓުތަކުން ހިއްސާ ކުރާ މިންވަރު ދަށްކަމަށް މީރާއިން ވަނީ ބުނެފައި - ފޮޓޯ:އެމްއެމްޕީއާރުސީ
އާމްދަނީން ނެގޭ ޓެކުހުގައި ރިސޯޓުތަކުން ހިއްސާ ކުރާ މިންވަރު ދަށް
ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކުރިއެރުމަށްވުރެ އާމްދަނީން ނެގޭ ޓެކުހުގައި ރިސޯޓުތަކުން ހިއްސާ ކުރާ މިންވަރު ދަށް ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން މިކަން ހާމަކޮށްފައިވަނީ އެ އޮތޯރިޓީގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން ނެރުނު 2023-2024 ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ގައެވެ.

އެ އޮތޯރިޓީން ނެރުނު މި ޕްލޭނުގައި ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކުގެ އިތުރުން އެ ރިސްކުތަކާއި މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނާފައިވެއެވެ.

'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ގައި ވަނީ ދައުލަތަށް ލިބޭ ޓެކްސްގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމާ ގުޅުންހުރި ނުސީދާ ޓެކްސްތަކުން ކަމަށާއި ވަކިން ހާއްސަކޮށް ޓޫރިސްޓް ރިސޯޓުތަކުން ލިބޭ ޓީޖީއެސްޓީން ކަމަށެވެ.

އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކުރިއެރުމަށްވުރެ އާމްދަނީން ނެގޭ ޓެކުހުގައި ރިސޯޓުތަކުން ހިއްސާ ކުރާ މިންވަރު ދަށް ކަމަށް މީރާގެ އެ ޕްލޭނުގައި ބުނެފައިވެއެވެ.

މީރާގެ ޕްލޭނުގައި އެކަން ދިމާވާން މެދުވެރިވާ ސަބަބުތައް ކަމުގައި ބުނެފައިވަނީ،

  • ހިންގުމުގެ ހަރަދު ބޮޑުވުން
  • ބޮޑެތި އަދަދުތަކުން ހަރުމުދާ އަގުމަގު ކޮށްފައިވުން
  • މަދުން ޓެކްސް ކުރެވޭ ޖުރިސްޑިކްޝަން ތަކުގައި ހަރަކާތްތެރިވާ އޮފްޝޯ ކުންފުނިތަކަށް ފައިދާ ފުރޮޅާލުން
  • ޓެކުހުގެ އަދަދު ދަށް ކުރުމަށް އެހެނިހެން އުކުޅުތައް ބޭނުންކުރުން

ޓޫރިސްޓް ގެސްޓްހައުސްތަކުން ފާހަގަ ކުރެވޭ ރިސްކެއްގެ ގޮތުގައި މީރާގެ ޕްލޭނުގައި ވަނީ އެދެވޭ މިންވަރަކަށް ހިސާބުތައް ނުބެލެހެއްޓުމާއި ސައްހަ އާމްދަނީ ރިޕޯޓް ނުކުރުމެވެ. މި ފަދަ ރިސްކުތައް ކުޑަކުރުމުގެ ގޮތުން ހާއްސަ ގައިޑްލައިންތަކެއް ހެދުމަށް ޓަކައި ސިނާއަތުގެ މަސްލަހަތުވެރިންނާ މަޝްވަރާކުރެވޭނެ ކަމަށް ވެސް މީރާގެ ޕްލޭނުގައިވެއެވެ.

މީރާގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ގައި ބުނެފައިވަނީ ޓޫރިސްޓް އުޅަނދުތަކުން ފާހަގަވާ އާންމު ޓެކްސް ރިސްކުތަކުގެ ތެރޭގައި ހިމެނެނީ އުޅަނދު އޮޕަރޭޓްކުރާ ކުރާ ފަރާތްތަކުން އެ އުޅަނދެއް ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައި އޮތުމުގެ ސަބަބުން، އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީ ރިޕޯޓް ނުކުރުމާއި އެ އުޅަނދުތަކުގައި އިތުރަށް ފޯރުވައިދޭ މުދަލާއި ހިދުމަތްތަކާ ގުޅޭ އާމްދަނީ ރިޕޯޓް ނުކުރުން ކަމަށެވެ.

އެ ރިސްކުތައް ކުޑަކުރުމަށް ވަކި ގްރޫޕްތަކަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިއުމާއި އިންސްޕެކްޝަން ހަރަކާތްތަކާއި ކަމާ ގުޅުންހުރި މަސްލަހަތުވެރިންގެ ލަފަޔާ އެކު ވިޔަފާރި ކުރިއަށް ގެންދާ މޮޑެލް ދެނެގަތުމާއި ރިޕޯޓް ނުކުރާ އާމްދަނީ ކަނޑައެޅުމަށްޓަކައި ރިސްކް ބޮޑު ޓެކްސް ދައްކާ ފަރާތްތައް އޮޑިޓް ކުރުން ހިމެނޭކަމަށް މީރާއިން އާންމުކުރި ޕްލޭނުގައި ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް