ads
ތިލަފުށި: މަސީން ބުނީ ދިވެހި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ތިލަފުށިން ބިން ނުދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް - ފޮޓޯ:ތިލަފުށި
ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން ބިން ވިއްކާ އުސޫލު އިސްލާހު ކުރަނީ
ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކާ އުސޫލު ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން އިސްލާހުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ރައީސް ސޯލިހު މިކަން ހާމަކުރައްވާފައިވަނީ މަސީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ދިވެހި ވިޔަފާރިވެރިންނާ އެކު، ބޭއްވެވި ބައްދަލުވުމެއްގައެވެ.

މަސީން ނެރެފައިވާ ބަޔާނެއްގައި ވަނީ ތިލަފުށިން ބިން ވިއްކުމާއި ކުއްޔަށް ދިނުމާ ބެހޭ އުސޫލާ ގުޅިގެން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ރައީސް އާ ހިއްސާ ކުރެވިފައިވާ ކަމަށެވެ.

މަސީން ހިއްސާ ކުރި ކަންތައްތަކުގެ ތެރޭގައި ތިލަފުށިން ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ބިންތައް ވިޔަފާރިތަކަށް ނުފުދޭތީ ބޮޑު ކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ފައިސާ ލިބޭނެ ގޮތްތަކާއި ބީއެމްއެލް އާއި އެހެން ބޭންކުތައް މެދުވެރިކޮށް ދިވެހިންނަށް ބިން ގަނެވޭނެ ގޮތްތަކުގެ އިތުރުން ބޭރު މީހުންނާއި ދިވެހިންނާ މެދު ހަމަހަމަ އުސޫލެއް ގެންގުޅުން ހިމެނެއެވެ.

މަސީން ބުނެފައިވަނީ އެ ބައްދަލުވުމުގައި ދިވެހި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަކަށް ތިލަފުށިން ބިން ނުދޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށާއި، ބިމުގެ ދަތިކަމާއި، ކުލި ބޮޑުވެ ބިމުގެ އަގު އުފުލުމަށް ހައްލެއް ހޯދައިދިނުމަށް ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މިމަޝްރޫއުގެ ތެރެއިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް މިހާރު އޮތީ ހުޅުވާލާފަ އެވެ.

މި ބިންތަށް ބޭރުގެ ފަރާތްތަކާއި ކުންފުނިތަކަށް 99 އަހަަރަށް ކުއްޔަށް ދެވޭގޮތަށް އޮތް އުސޫލާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމާއި ގުޅިގެން މިއަދު އެޗްޑީސީން ކުރިން ބުނީ، އަލަށް ހިއްކާ ބިމުގެ 90 އިންސައްތަ ހާއްސަކުރާނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވަނީ މަދު ބިންތަކަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް