ads
ސްޕްރީމް ކޯޓު
ހައްގެއް، އެކަމަކު ލިބޭނެ ގޮތެއް ނެތް. މިއީ ޖޯކެއްތަ؟
ގާނޫނު އަސާސީގެ ދެވަނަ ބާބަކީ، އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ވާހަކަތަކާ ގުޅޭ ބާބެވެ. ފުރަތަމަވެސް އޮންނަނީ، ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވާހަކައެވެ. ހައްގެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނެ ގޮތްތައް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ.

ދަންނަވަން މިއުޅެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދާދި މިދާކަށް ދުވަހު ކުރި ހުކުމެއްގެ ވާހަކައެވެ. ގާނޫނީ ފަންނުގެ ބައެއް މީހުން މި ހުކުމް ސިފަކުރީ ޖޯކެއްގެ ގޮތުގައެވެ. ގާނޫނީ މީހުން ނޫން މީހުންނަށް ދެން ހަދަންވީ ގޮތެއް ނޭނގޭހާ މި ހުކުމް ނުސާފެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން އެއީ ހައްގެއް ކަމަށާއި އެހެންނަމަވެސް އެ ހައްގު ހިފަހައްޓާފައިވާ ދުވަސްތަކަށް ނުދީ ހުރި މުސާރައާއި އިނާޔަތްތައް ދޭން އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ. ހައްގު ހޯދަން ދެން ހަދަންވީ ކިހިނެތްތޯއެވެ؟ ދާންވީ ކޮންތާކަށްތޯއެވެ؟

އުއްތަމަ ފަނޑިޔާރު މިދިޔަ ހަފްތާގައި ވިދާޅުވީ، ކުރާ ކުޑަކުޑަ ކަމަކުންވެސް މީހެއްގެ ހައްގު ގެއްލިއްޖެ ނަމަ އެއީ މާފު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނީ ވަކީލުންނާއި މުހާތަބުކޮށް އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވިއިރު، ހަމަ އެކަން މައްސަލަ ބައްލަވާ ފަނޑިޔާރުންނަށްވެސް ނިސްބްތާނެއެވެ. ފަނޑީޔާރެއްގެ ނިންމުމަކާއި ހުރެ ހައްގެއް ގެއްލިއްޖެނަމަވެސް އެކަމަކަށް މާފެއް ނެތެވެ.

އަބަދުވެސް މަސައްކަތް ކުރަންވާނީ ކަމަކަށް ކަމޭ ހިއްތަވައިގެން. ފަރުވާ ކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ހައްގު ގެއްލިއްޖެ ނަމަ އެއީ މާފު ކުރެވޭނެ ކަމެއް ނޫން. އަދި އެކަންކަމާ މެދު އެ މީހަކާ ސުވާލު ކުރެވޭނެކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200ރ. ގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހެ އެވެ.

އެކަމަކު އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވަނީ ވެފަ އެވެ. މި މައްސަލަ ހިފައިގެން ކޯޓަށް ދިޔައީ ސިވިލް ކޯޓުގެ ގާނޫނީ މުވައްޒަފުންތަކެކެވެ. ހައްގު ހޯދަން ރައްޔިތުން ކޮންމެ ދުވަހަކު އަންނަ ކޯޓުތަކުގެ މުވައްޒަފުންނަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި އެންގީ ހައްގު ހޯދައިދޭން އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.

ވަޒީފާއާބެހޭ ޓްރައިބިނަލުން މި މައްސަލަ ނިންމި އިރު ބުނެފައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ބަޖެޓް ދައުލަތުން ހަމަޖައްސައި ނުދޭތީ ކަމަށެވެ. އަދި ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، މުސާރައިގެ ކުރިއެރުން ހައްގުވިޔަސް އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ!

މަޝްހޫރު ގާނޫނީ ވަކީލު، މަރިޔަމް ޝުނާނާ މިކަން ސިފަ ކުރެއްވީ ޖޯކެއްގެ ގޮތުގައެވެ. ޝުނާނާއަކީ ވަޒީފާއާބެހޭ ގިނަ މައްސަލަތަކުގައި މުވައްޒަފުންގެ ހައްގުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާ އަދި ރާއްޖޭގެ އެންމެ ފުންނާބު އުސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވި ވަކިވަރަކަށްވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް ދެމުން އައި މުސާރައިގެ ކުރިއެރުން ނުދީގެން އެ ހޯދަން ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް، މުސާރައިގެ ކުރިއެރުން ދިނުމާބެހޭ މާއްދާ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުންވަނީ ބާތިލުކޮށްފައެވެ.

ކޯޓުގައި މައްސަލަ ކުރިއަށްދަނިކޮށް، ކޯޓުގައި ބަހުސް ކުރެވުމުން ދިޔަ މާއްދާ ބާތިލުކުރުމާއެކު ސުވާލަކީ، ކުރިން ނުލިބި އޮތް ބައި ނުވަތަ ގެއްލިގެން އުޅުނު ހައްގު އެކަށް ނިމުނީތޯއެވެ؟

ހަގީގަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހުކުމް ގޮސް ނިމެނޭ ހަމަ އެކަނި މުސާރައިގެ ކުރިއެރުން ނުލިބުނު މުވައްޒަފުންނާ ހިސާބަކުން ނޫނެވެ. ހަގީގަތުގައި ކޯޓަކުން އެ ކަނޑައެޅީ ހައްގެއް ހޯދައިދެވޭނެ ގޮތް ނެތް ކަމަށެވެ. ކޯޓަށް މީހުން ދަނީ ހައްގެއްކަން ނޭނގިގެނެއް ނޫނެވެ. ހައްގެއްކަން އެނގޭތީ އެ ހައްގު ހޯދާށެވެ. ވަޒީފާއާބެހޭ ޓްރައިބިއުލަން ބަންދު ކުރީ އެ ދޮރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް