ads
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު: ރާއްޖޭގެ ދަރަނި މެނޭޖުކުރާ ގޮތާ މެދު އައިއެމްއެފުން ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
ސަރުކާރުން އިގުތިސޯދީ ކަންކަން ބަލަހައްޓާ ގޮތާ މެދު އައިއެމްއެފް ހިތްހަމަޖެހޭ
ރާއްޖޭގެ އިގުތިސޯދާއި ދަރަނީގެ ކަންކަން ސަރުކާރުން ބަލަހައްޓަމުންދާ ގޮތާ މެދު އައިއެމްއެފުން ހިތްހަމަޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވެފައިވަނީ ރާއްޖޭގެ ދަރަނި މެނޭޖުކުރާ ގޮތާ މެދު އައިއެމްއެފުން ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އައިއެމްއެފުން ފާހަގަކުރާ ކަމުގައެވެ.

ސަރުކާރުގެ ފަރާތުން މިއުވާން މިގޮތަށް ވިދާޅުވެފައި ވީނަމަވެސް، ދައުލަތުގެ ދަރަނި ރީސްޓްރަކްޗަކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަކަށް މަޖިލީހުގައި ދަނީ ބަހުސް ކުރަމުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ގަރާރަކީ ދިވެހި ދައުލަތް ދަރަނިވެފައިވާ މިންވަރާއި ދަރަނި ބެހެއްޓިފައިވާ ގޮތާއި ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ގަރާރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދައުލަތުގެ ދަރަނި ރީސްޓްރަކްޗަ ކުރުމާ ގުޅޭގޮތުން މީގެ ކުރިން އެކި ފަހަރު މަތިން ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގައި ދަރަނި ރީސްޓްރަކްޗަ ކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް