ހެލްމެޓުން މޫނު ނިވާކޮށްގެން ތިބެ މީހުންނަށް ހަމަލާދިނުމާއި ކުށްތަކަށް އަރައިގަތުމުގެ މައްސަލަތަކެއް ފެންމަތިވަމުންދަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓު އެޅުން ގާނޫނުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ބައެެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެެވެ.
ފުލުހުން ބުނީ ހެލްމެޓު އެޅުން ލާޒިމުކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅަނދު ދުއްވާ މީހުންނަށް މިއަދުން ފެށިގެން ފުލުހުން ފާރަވެރިވާނެ ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.
ހެލްމެޓު އެޅުން ގާނޫނު ލާޒިމުކުރަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ. އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭނެ ބާރުމިން އަންގައިދޭ ބޯޑުތައްވެސް ހަރުކޮށްފައި ހުރެއެވެ.
އެފަދަ ތަނަކަށް މިވަގުތު މާލެ ސަރަހައްދުގައި އޮތީ ސިނަމާލެ ބްރިޖާއި ބުރިޖާއި ގުޅޭ ހައިވޭ އެވެ.. އެކަމަކު އެނޫން ސަރަހައްދުތަކުގައި ވެސް ބައެއް މީހުން ހެލްމެޓު އަދި މާސްކުން މޫނު ނިވާކޮށްގެން އުޅެއެވެ. ގިނަ ފަހަރަށް އެގޮތަށް އުޅެނީ މީހަކަށް ހަމަލާދިނުމަށް ނުވަތަ ތަނަކަށް ގެެއްލުން ދިނުމަށް އަދި ވައްކަންކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށެވެ.
މި ފަހުން ހުޅުމަލޭގައި މޫނު ނިވާކޮށްގެން ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަނީ ޖޫސް ޓައިމްސް ކިޔާ ފިހާރައަކަށް ވަދެ އެތަން ސުންނާފަތި ކޮށްލާފަ އެވެ. އަދި އިއްޔެރޭ މާލޭގެ ފިހާރައެއްތެރެއަށް މޫނު ނިވައިކޮށްގެން ތިބި ބަޔަކު ވަދެވެސް ވަނީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.