ads
އެމްޑީޕީ ޕްރައިމަރީ ތެރެއިން——
ގުރައިދޫ ދާއިރާ ބައި އިލެކްޝަން: އެމްޑީޕީ ޕްރައިމަރީ މާޗް 11 ގައި
ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

އެ ޕާޓިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ދޭއް މާޗް 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާ ފަރާތުން 100 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ އެ ދާއިރާ ތަމްސީލް ކުރައްވަމުންގެންދެވި މެންބަރު އިބްރާހިމް ރިޒާ ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

މި މަހުގެ 23 ވަނަ ދުވަހު ރިޒާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މެލޭޝިއާ ގައެވެ.

ރިޒާއަކީ އިދިކޮޅު ޕީޕީއެމަަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރެކެވެ. ރިޒާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޖުޑީޝަރީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރެކެވެ. 

އިބްރާހީމް ރިޒާއަކީ 2014 ވަނަ އަހަރުން ފެށިގެން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ. ރިޒާއަކީ ޤާނޫނީ ވަކީލެއްވެސް މެއެވެ. 

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ ނިޔަލަށް އެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް